ކުޅިވަރު

ވިމެންސް ސުޕަރ ލީގުގައި ބްރިސްޓަލް ސިޓީ ބަލިކޮށް ޗެލްސީއިން ލީޑު ފުޅާކޮށްފި


އިނގިރޭސި ވިމެންސް ސުޕަރ ލީގުގައި ޕޮއިންޓް ތާވަލްގެ އެއްވަނައިގާ އުޅޭ ޗެލްސީ ވިމެން އާއި ބްރިސްޓަލް ސިޓީ ވިމެން ބައްދަލުކުރި މެޗް ފަސޭހަ ކަމާއެކު ކާމިޔާބުކޮށް ޗެލްސީިއިން ޕޮއިންޓް ތާވަލްގައި އެޓީމަށް ލިބިފައިވާ ލީޑު ފުޅާކޮށްފިއެވެ. މިމެޗް ޗެލްސީ ކާމިޔާބުކުރީ 5 ލަނޑު ސުންލަނޑުންނެވެ.

ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީންނެވެ. ބްރިސްޓަލް ސިޓީއަށް ޗެލްސީގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 14 ވަނަ މިނެޓްގައި ޖަހާދިނީ ފްރޭން ކަރބީއެވެ. ޗެލްސީން މިމެޗްގައި ޖެހި ދެވަނަ ލަނޑު 36 ވަނަ މިނެޓްގައި ޕަރނީލް ހަރޑަރ ކާމިޔާބުކޮށްދިން އިރު މެޗްގެ 40 ވަނަ މިނެޓްގައި އެޓީމްގެ ތިންވަނަ ލަނޑު ޖަހާދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ކަރބީއެވެ. މިމެޗްގައި ޗެލްސީގެ ފަހު ދެ ލަނޑު ޖަހާދިނީ ސޭމް ކާރ އާއި ބެތަނީ އިންގްލަންޑްއެވެ. އެއީ މެޗްގެ 55 ވަނަ މިނެޓާއި 60 ވަނަ މިނެޓްގައެވެ. މިމެޗްގައި ޗެލްސީއަށް ލަނޑު ޖަހާނެ އިތުރު ފުރުސަތު ލިިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ކާމިޔާބީއާއެކު ޗެލްސީ ވިމެން އަށް މިހާރުވަނީ 15 މެޗުން 38 ޕޮއިންޓް ލިބިފައެވެ. އެންމެ ގާތުން ވާދަކުރާ މެންޗެސްޓަރ ސިޓީ ވިމެންއަށް 14 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. ސިޓީން އެއްމެޗް މަދުން ކުޅެފައިވާތީ މިވަގުތު ޗެލްސީއަށް ފަސް ޕޮއިންޓްގެ ލީޑެއް ލިބިފައިވީ ނަމަވެސް މިލީޑު ހަނިވުމުގެ ފުރުސަތު އެބައޮތެވެ. މިމެޗުން ބަލިވި ބްރިސްޓަލް ސިޓީ އުޅެނީ 12 ޓީމް ހިމެނޭ މިލީގުގެ އެންމެ ފުލުގައެވެ. އަދި 14 މެޗް ކުޅެގެން ލިބިފައިވަނީ 6 ޕޮއިންޓެވެ.