މިއަދު ހެނދުނުގެ ވަގުތެއްގައި ހުޅުލޭ ފަޅުތެރެއަށް ޖައްސަން އުޅުމުގެ ތެރޭގައި މަންޓާ އެއަރގެ ސީ ޕްލޭން ވެއްޓުނު ހާދިސާ ސިވިލްއޭވިއޭޝަން އޮތޯރިޓީން ތަޙްޤީގުކުރަން ފަށާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ހާމަކުރައްވައިފިއެވެ.
މިހާދިސާގައި ވެއްޓިފައިވަނީ މާލިފުށިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރި ބޯޓެކެވެ. މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 7.30 ހާއިރު ކަމަށް މަންޓާ އެއަރއިން މަޢުލޫމާތުދެއެވެ. ފަޅުތެރެއަށް އަޑިއަށް ގޮސްފައިވާ މިބޯޓު ނެގުމުގެ މަސައްކަތް މަންޓާ އެއަރގެ ކޮންޓްރެކްޓަރުން ކުރަމުންދާ ކަމަށް މަންޓާ އެއަރއިން މަޢުލޫމާތުދެއެވެ.
މި ބޯޓް ވެއްޓުމާ ގުޅިގެން އެމްއެންޑީއެފްގެ ޑައިވަރުން ވަނީ ބޯޓުގައި ތިބި ފަޅުވެރިންނާއި ކުރޫން ސަލާމަތްކޮށް އަދި ބޯޓުގައި ހުރި ލަގެޖްތައް ނެގުމުގައި އެހީތެރިވެދީފައެވެ. 6 ފަސިންޖަރުންނާއި 3 ކުރޫއާއެކު ދަތުރުކުރި މި ބޯޓް ވެއްޓުމުގައި ހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް މަންޓާ އެއަރއިން ބުނެއެވެ. މިއެންމެންވެސް ހޮސްޕިޓަލަށް ގެންގޮސް މެޑިކަލް ޗެކްކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް މަންޓާ އެއަރއިން މަޢުލޫމާތުދެއެވެ.
މިހާދިސާއަށްފަހު ސީޕްލޭންގެ އެއަރޑްރޯމް ޑިޕާޗަރއަށާއި އެރައިވަލްއަށް މިހާރު ހުޅުވާލާފައިވާ ކަމަށް އެމްއޭސީއެލްއިން މަޢުލޫމާތުދެއްވައެވެ.