ޚަބަރު

އައްޑޫ ސިޓީގައި ނާޒުކު ޙާލަތުގައި ދިރިއުޅެމުންދާ ފަރާތްތަކަށް އެހީ ފޯރުކޮށްދޭނީ


އައްޑޫ ސިޓީ މޮނިޓަރިން ޙާލަތަށް ގެނައުމާ ގުޅިގެން އެ ސިޓީގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ފަށައިފިއެވެ.

މިމަސައްކަތުގެ ދަށުން ކަމާގުޅޭ އިދާރާތަކާއި ގުޅިގެން އައްޑޫ ސިޓީގެ ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، އެ ފަރާތްތަކަށް ގުޅައި، ބޭނުންވާ އެހީތެރިކަން ދެނެގަނެ، "ކެއަރ ޕެކޭޖަސް" ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދަ ކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މި މަސައްކަތުގެ ތެރެއިން ކާބޯތަކެއްޗާއި ބޯފެނުގެ އިތުރުން ސެނިޓައިޒަރ އާއި، މާސްކާއި އަންގި ފަދަ ތަކެތި ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން ގާތްގަނޑަކަށް 50 ކެއަރ ޕެކޭޖަސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައިވަ ކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ އައްޑޫ ސިޓީގައި މިހާރު އޮތް މޮނިޓަރިންގ ޙާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދީ، އެ ފަރާތްތަކުގެ އަސާސީ ބޭނުންތައް ދެނެގަނެ، މި ފަދަ ޞިއްޙީ ޙާލަތްތަކުގައި އެ ފަރާތްތަކަށް ބޭނުންވާ ނަފުސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިމަސައްކަތުގައި އައްޑޫ ސިޓީގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ މުވައްޒަފުންނާއި ދިވެހި ރެޑް ކްރެސެންޓްގެ އައްޑޫ ސިޓީ ގޮފީގެ މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީ މޮނިޓަރިންގ ޙާލަތަށް ގެނައުމާ ގުޅިގެން އެ ސިޓީގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.