ކުޅިވަރު

ލެސްޓަރ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރިމެޗް ލެސްޓަރ ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލާއި ލެސްޓަރ ސިޓީ ބައްދަލުކުރިމެޗް ލެސްޓަރ ކާމިޔާބުކޮށްފިއެވެ. ލެސްޓަރގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ފަހަތުން އަރާ 3 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލެވެ. އަދި މެޗްގެ ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށް ލިބިގެންދިޔަ ނަމަވެސް ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 67 ވަނަ މިނެޓްގައި ޖަހައިދިނީ ލިވަޕޫލްގެ މުހައްމަދު ސަލާއެވެ. މިމެޗްގައި ލެސްޓަރއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 78 ވަނަ މިނެޓްގައި ޖަހައިދިނީ ލިބުނު ހިލޭ ޖެހުމަކުން ޖޭމްސް މެޑިސަންއެވެ. މެޑިސަން މިލަނޑު ޖެހި އިރު ޑެނިއަލް އަމާރޓީ އޮފްސައިޑްގައި ހުރިކަމަށް ނިންމާ އޮފްސައިޑް ލަނޑެއް ކަމަށް ފުރަތަމަ ދެއްކި ނަމަވެސް ވީ.އޭ.އާރު. އިން ބެލުމަށްފަހު ވަނީ އެއީ ލަނޑެއް ކަމަށް ނިންމާފައެވެ. އަދި ލިވަޕޫލްގެ ކީޕަރ އެލިސަން އާއި އެޓީމާއި އަލަށް ގުޅުނު ޑިފެންޑަރ އޮޒާން ކަބަކްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ލެސްޓަރއިންވަނީ އެޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައވެ. މިލަނޑު މެޗްގެ 81 ވަނަ މިނެޓްގައި ޖަހާދިނީ ޖެމީ ވަރޑީއެވެ. އެލިސަންވަނީ އެންމެ ފަހުން މެންޗެސްޓަރ ސިޓީއާއެކު ކުޅުނު މެޗްގައިވެސް ފަހަތުގައި ގޯސް ހެދާފައެވެ. މިމެޗްގައި ލެސްޓަރގެ ފަހު ލަނޑު އޭގެ ހަތަރު މިނެޓް ފަހުން ޖަހާދިނީ ހާވީ ބާރންސްއެވެ.

މިކާމިޔާބީއާއެކު ލެސްޓަރ މިހާރުވަނީ ޕޮއިންޓް ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ ކުޅުނު 24 މެޗުން ލިބިފައިވާ 46 ޕޮއިންޓާއެކުއެވެ. ލިވަޕޫލް އުޅެނީ ކުޅުނު 24 މެޗުން ލިބިފައިވާ 40 ޕޮއިންޓާއެކު ތާވަލްގެ 4 ވަނައިގައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ޔަރގަން ކްލޮޕް ހާމަކުރިގޮތުގައި އޭނާގެ ޓީމުން މިމެޗްގައި ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި މެޗްގައި ގިނައިރު ޑޮމިނޭޓް ކުރީ ލިވަޕޫލުން ކަމަށެވެ. އަދި ލެސްޓަރއިން ޖެހި ފުރަތަމަ ލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށާއި އަދި ދެވަނަ ލަނޑަކީ މިސްއަންޑަސްޓޭންޑިންގ އެއް ކަމަށެވެ. އަދި ތިންވަނަ ލަނޑަކީ ގަބޫލް ކުރެވޭނެ ލަނޑެއް ނޫން ކަމަށާއި އޭނާގެ ކުޅުންތެރިން މާބޮޑަށް ދޫކޮށްލާފައި އޮތީކަމަށެވެ. އަދި މީގެން މިދައްކުވާދެނީ މިވަގުތު ލިވަޕޫލް އޮތް ހާލަތު ކަމަށްވެސް ކްލޮޕް ހާމަކުރިއެވެ.