ކުޅިވަރު

އޮސްޓްރޭލިއަން އޯޕަންގެ ހަތަރުވަނަ ބުރުން ނަދާލް ޖާގަހޯދައިފި


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ހަތަރުވަނަ ބުރުން މުބާރާތުގައި ދެވަނައަށް ސީޑް ކުރެވިފައިވާ ރަފައަލް ނަދާލް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ހަތަރުވަނަ ބުރުން ނަދާލް ޖާގަހޯދީ ތިންވަނަ ބުރުގައި އިނގިރޭސިވިލާތުގެ ކެމެރަން ނޯރީ އާއި ބައްދަލުކުރިމެޗް ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ.

މިމެޗްގެ ސެޓްތަށް ނަދާލް ކާމިޔާބުކުރީ ހައެއް ފަހެއް، ހައެއް ދެއެއް އަދި ހަތެއް ފަހަކުންނެވެ. މިމެޗް ސީދާ ތިން ސެޓުން ނަދާލް ކާމިޔާބު ކުރި ނަމަވެސް ނޯރީ ވަނީ ފުރަތަމަ ސެޓާއި ފަހު ސެޓްގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި މުބާރާތުގެ ހަތަރުވަނަ ބުރުގައި ނަދާލް ބައްދަލުކުރާނީ އިޓަލީވިލާތުގެ ފަބިއޯ ފޮގްނިނީ އާއެވެ.
މި މުބާރާތުގައި ހަތަރުވަނައަށް ސީޑް ކުރެވިފައިވާ ރަޝިޔާގެ ޑާނިލް މެޑްވެޑޭވް އާއި ފިލިޕް ކްރަޔިނޮވިޗް ބައްދަލުކުރިމެޗް 3 ސެޓް 2 ސެޓުން ކާމިޔާބުކުރީ މެޑްވެޑޭވްއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ދެސެޓް ހައެއް ތިނެއް، ހައެއް ތިނަކުން މެޑްވެޑޭވް ކާމިޔާބުކުރި ނަމަވެސް ޖެހިގެންއައި ދެސެޓް ހަތަރެއް ހައެއް، ތިނެއް ހަޔަކުން ކާމިޔާބުކޮށްފައިވަނީ ކްރަޖިނޮވިޗްއެވެ. އަދި ހަތަރުވަނަ ސެޓުން ބަލިވާން ފެށުމުން މެޑްވެޑޭވް އަމިއްލައަަށް ރުޅިގަދަވެ އަޑުގަދަ ކުރަމުންދިޔަތަން ފެނުނެވެ. އަދި މެޑްވެޑޭވްގެ ކުޅުމާމެދު ހިތްހަމަ ނުޖެހިގެން އޭނާގެ ކޯޗް ގައިލްސް ސެރްވާރާވަނީ ކޯޓް ދޫކޮށް ގޮސްފައެވެ. މިމެޗްގެ ފަސްވަނަ ސެޓް މެޑްވެޑޭވް ކާމިޔާބުކުރީ ހައެއް ސުމަކުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މެޑްވެޑޭވް ހާމަކުރިގޮތުގައި އޭނާގެ ކޯޗް ކޯޓުން ދިއުމުގެ ކުރިން މިމެޗުން އޭނާ މޮޅުވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ނަމަވެސް އޭނާ ރުޅި މަޑުވުމަށް ފުރުސަތުދޭން ކޯޓުން ދަނީކަމުގައި ބުނިކަމަށެވެ. އަދި ކޯޗު އެހެން ހެދުމުން އޭނާއަށް ފައިދާ ކުރިކަމަށް މެޑްވެޑޭވް ހާމަކުރިއެވެ. ހަތަރުވަނަ ބުރުގައި މެޑްވެޑޭވް ބައްދަލުކުރާނީ އެމެރިކާގެ މެކެންޒީ މެކްޑޮނާލްޑްއާއެވެ. މެކްޑޮނާލްޑް ހަތަރުވަނަ ބުރުން ޖާގަހޯދީ ދެކުނު އެފްރިކާގެ ލޮއިޑް ހެރިސް އާއި ބައްދަލުކުރިމެޗް ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހަތެއް ހައެއް، ހައެއް އެކެއް އަދި ހައެއް ހަތަރަކުންނެވެ.

މުބާރާތުގެ ފަސްވަނަ ސީޑް ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް އާއި ސްވިޑްންގެ މައިކަލް ޔިމަރ ބައްދަލުކުރިމެޗް ސީދާ ތިން ސެޓުން ކާމިޔާބުކުރުމަށްފަހު ސިޓްސިޕާސްވެސްވަނީ މިމުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަހޯދާފައެވެ. އެއީ ހައެއް ހަތަރެއް، ހައެއް އެކެއް އަދި ހައެއް އެކަކުންނެވެ. ހަތަރުވަނަ ބުރުގައި ސިޓްސިޕާސް ބައްދަލުކުރާނީ އަށްވަނައަށް ސީޑް ކުރެވިފައިވާ މަޓިއޯ ބަރެޓީނީ އާއެވެ. އިޓަލީވިލާތުގެ ބަރެޓީނީ ހަތަރުވަނަ ބުރުން ޖާގަހޯދީ ރަޝިޔާގެ ކަރެން ޙަޝަނޯފް އާއި ބައްދަލުކުރިމެޗް ހަތެއް ހައެއް، ހަތެއް ހައެއް އަދި ހަތެއް ހަޔަކުން މެޗް ކާމިޔާބުކޮށްގެންނެވެ.

މީގެއިތުރުން ނޯވޭގެ ކެސްޕަރ ރުޑްވެސްވަނީ ހަތަރުވަނަ ބުރުން ޖާގަހޯދާފައެވެ. އެއީ މޮލްޑޯވާގެ ރާޑޫ އެލްބޮޓް އާއި ތިންވަނަ ބުރުގައި ބައްދަލުކުރިމެޗް 3 ސެޓް އެއްސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް އެކެއް، ފަހެއް ހަތެއް، ހައެއް ހަތަރެއް އަދި ހައެއް ހަތަރަކުން މެޗް ކާމިޔާބުކޮށްގެންނެވެ. ހަތަރުވަނަ ބުރުގައި ރުޑް ބައްދަލުކުރާނީ ރަޝިޔާގެ އަންދްރޭ ރުބްލޭވްއާއެވެ. މިއާއެކު ރުޑް ވެފައިވަނީ ގްރޭން ސްލޭމް މުބާރާތެއްގެ ހަތަރުވަނަ ބުރުން ޖާގަހޯދި ނޯވޭގެ ދެވަނަ ކުޅުންތެރިޔާއަށެވެ. އޭގެ ކުރިން ހަތަރުވަނަ ބުރުން ޖާގަހޯދާފައިވާ ނޯވޭގެ ކުޅުންތެރިޔަކީ ރުޑްގެ ބައްޕަ އެވެ.