ކުޅިވަރު

ހާލަންޑާއި ސަންޗޯގެ ލަނޑުތަކުން ޑޯޓްމަންޑަށް ޕޮއިންޓެއް



ޖަރުމަނު ބުންޑަސްލީގާގައި ބްރޫޝިޔާ ޑޯޓްމަންޑް ބަލިނުވެ ސަލާމަތް ވެއްޖެއެވެ. އަމިއްލަ ދަނޑުގައި ހޮފެންހަމްއާ ވާދަކޮށް ޑޯޓްމަންޑް އެއްވަރުވީ 2-2 ލަނޑުންނެވެ.

މެޗުގައި ހޮފެންހަމް އަށް ލަނޑުތައް ކާމިޔާބުކޮށްދިނީ މުނަސް ޑަބުރްގެ އިތުރުން އިއްލަސް ބެބޯއީ. ޑޯޓްމަންޑްގެ ފުރަތަމަ ލަނޑު ޖޯޑަން ސަންޗޯ ކާމިޔާބުކޮށްދިންއިރު ނަތީޖާ ޑޯޓްމަންޑް އިން ހަމަހަމަކުރީ އާލިން ހާލަންޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ ސަންޗޯ މި ސީޒަންގައި ކާމިޔާބުކުރި 6ވަނަލަނޑެވެ. އަދި ހާލަންޑުގެ ލަނޑާއެކު އޭނާ މި ސީޒަނުގައި ކުލަބަށް ޖަހައިދިން ލަނޑުގެ އަދަދުވަނީ 21 އަރާފައެވެ.

ރޭ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބަޔާ ލެވަކޫސަން މޮޅުވާން ދަނިކޮށް މެއިންޒް ވަނީ ހުއްޓުވާފައެވެ. ލެވަކޫސަން އާއި މެއިންޒް ވާދަކުރި މެޗު 2-2 ލަނޑުން އެއްވަރުވިއިރު މެޗު ފަހު ދެލަނޑު މެއިންޒްއިން ކާމިޔާބުކުރީ ފަހު ދެމެނިޓުގައެވެ.

ސްޓްރުޓްގާޓް އާއި ހާތާ ބާލިން ވާދަކުރި މެޗު ނުމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. މެޗުގެ 82 ވަނަ މިނުޓުގައި ހާތާބާލިން ނަތީޖާ ހަމަހަމަކުރީ ލުކާ ނެޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ ބުންޑަސް ލީގާގެ ތާރީހުގައި ލަނޑުޖެހި އެންމެ ޒުވާން ޑިފެންޑަރެވެ. ވާޑާ ބްރޭމަން އާއި ފްރެއިބާގް ވާދަކުރި މެޗު އެއްވަރުވި އިރު ޔޫނިއަން ބާލިން އާއި ޝާލްކޭ ވާދކުރި މެޗު ވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މިނަތީޖާ އެކު މިދި ބުރާސްފަތި ދުވަހު ދުނިޔޭގެ ކުލަބުތަކުގެ ޗެމްޕިއަންކަން ހޯދި ބަޔާން މިއުނިކް ލީގުގެ ކުރީގައި އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ބަޔާން މިއުނިކް އެއްވަނައިގައި އޮތީ 48 ޕޮއިންޓާއެކުގައެވެ. ދެވަނައިގައިވާ ލީޕްޒިގްވަނީ 44 ޕޮއިންޓް ހޯދާފައެވެ. ވުލްވްސްބާގް ތިންވަނައިގަ އޮތީ 38 ޕޮއިންޓާއެކުގައެވެ. ލެވަކޫސަން 36 ޕޮއިންޓާއެކު ލީގުގެ ހަތަރުވަނަ ކުރިޔަށް ޖެހުނު އިރު ފަސްވަނާގައި ފްރޭންފާޓް އޮތީ ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެންނެވެ. ޑޯޓްމަންޑް ހަވަނައިގައި އޮތީ 33 ޕޮއިންޓާއެކުގައެވެ.