ކުޅިވަރު

އެތުލެޓިކޯ މޮޅުވެ 8 ޕޮއިންޓުގެ ލީޑެއް



ސްޕެނިޝް ލަލީގާގެ އެއްވަނައިގައި މިވަގުތު އޮތް އެތުލިޓިކޯ މެޑްރިޑް މޮޅުވެ ލީގުގެ ކުރީގައި 8 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. ރަށުން ބޭރުގައި ގްރެނޭޑާ އަތުން އެތުލެޓިކޯ މޮޅުވީ 2-1 ލަނޑުންނެވެ.

މެޗުގެ ދެވަނަހާފްގައި އެތުލެޓިކޯގެ މާކޯސް ލޮރެންޓޭ ލަނޑެއް ޖަހައި ކުރިހޯދައިފައިވަނިކޮށް ގްރެނޭޑާއިން ނަތީޖާ ހަމަހަމަކުރީ ޔަންގްލް ހެރޭރާ ޖެހި ލަނޑުންނެވެ. ގްރާނޭޑާގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާނަގާ މެޗުގައި އެތުލެޓިކޯ މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންޖަލް ކޮރެއާއެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބާސެލޯނާ މޮޅުވި އިރު އެއިބާ އާއި ރެއާލް ވަލަޑޮލިޑް ވާދަކުރި މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.

ރޭ ލީގުގައި ހެއުސްކާ ބަލިކޮށް ސެވިއްޔާ އިން ވަނީ މުހިންމު މޮޅެއް ހޯދާފައެވެ.

މި ނަތީޖާއެކު ލީގުގެ އެއްވަނައިގައި އެތުލެޓިކޯ އޮތީ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ދެވަނާގައި ބާސެލޯނާއަށް ވުރެ އެއްމެޗު މަދުން ކުޅެގެން 8 ޕޮއިންޓުގެ ލީޑާކާއެކުގައެވެ. އެތުލެޓީކޯ މެޑްރިޑުން 54 ޕޮއިންޓް ހޯދާފައިވާއިރު މެޑްރިޑް އަދި ބާސާ އަށް ހޯދިފަވަނީ 46 ޕޮއިންޓެވެ. ހަތަރުވަނައިގަ ސެވިއްޔާ އޮތީ 22 މެޗުން ހޯދި 45 ޕޮއިންޓާއެކުގައެވެ. މިއީ ލަލީގާ ތާރީހުގައި ވެސް އެޓީމުން ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ. ލީގުގެ ކުރީގައިވާ އެތުލެޓިކޯ މެޑްރިޑު ލަލީގާގައި އަދިމިހާތަނަށް ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.