ހުޅުލޭ ފަޅުތެރެއަށް ސީ ޕްލޭނެއް ވެއްޓިއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖައްސަން އުޅުމުގެ ތެރޭގައި ހުޅުލޭ ފަޅުތެރެއަށް ވެއްޓިފައިވަނީ މަންޓާ އެއަރގެ ސީ ޕްލޭނެކެވެ.
މިސީޕްލޭނަކީ މާލިފުށިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރި ބޯޓެއް ކަމަށާއި، މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 7.30 ހާއިރު ކަމަށް މަންޓާ އެއަރއިން މަޢުލޫމާތުދެއެވެ. މިހާތަނަށް މައުލޫމާތުލިބިފައިވާ ގޮތުގައި މި ބޯޓް އޮތީ ފަޅުތެރޭ އަޑީގައެވެ. މި ބޯޓް ވެއްޓުނު ސަރައްދުގައި އެމްއެންޑީއެފްގެ ޑައިވަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
6 ފަސިންޖަރުންނާއި 3 ކުރޫއާއެކު ދަތުރުކުރި މި ބޯޓް ވެއްޓުމުގައި ހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް މަންޓާ އެއަރއިން ބުނެއެވެ. އެހެންނަމަވެސް މީގެ ތެރެއިން އެކެއްގެ ކޮނޑު ހުޅު ގުޑާފައިވާ ކަމަށާއި އަދި އިތުރު މީހެއްގެ ކޮނޑަށް ތަދުވާތީ އުޅޭ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. އަދި މިހާރު ލަގެޖްތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެންމެންގެވެސް މެޑިކަލް ޗެކްކުރުމަށް އިރުކޮޅެއްގެ ތެރޭގައި ހޮސްޕިޓަލަށް ގެންދެވޭނެ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި ހާދިސާއާއި ގުޅިގެން މާލެއަށް ދަތުރުކުރަމުންދިޔަ މަންޓާ އެއަރގެ ސީޕްލޭންތައްވަނީ އެހެން ތަންތަނަށް ޑައިވަރޓްކޮށްފައެވެ.