ޚަބަރު

އަޝްފާޤާއި އަކްރަމާމެދު ސޫޒަން ދެއްކި ވާހަކަ ތަޙްޤީޤުކުރުމަށް އެފްއޭއެމްއިން ގޮވާލައިފި


ޤައުމީ ޓީމްގެ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީ އާއި ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާގާ ދީނީގޮތުން ހައްދުފަހަނައެޅުމާ، ގުޅުވައިގެން ސޯޝަލް މީޑިއާގައި ސޫޒަން އިބްރާހީމް ދެއްކި ވާހަކަތަކުގެ މައްސަލަ ތަހްޤިޤުކޮށް ފިޔަވަޅުއަޅައިދިނުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގޮވާލައިފިއެވެ.

ސޯޝަލް މީޑިއާގައި ސޫޒަން އިބްރާހީމް ކުރި ޓްވީޓްއެއްގައި ވަނީ އޭނާގެ ރައްޓެއްސަކު ބުނިކަމަށްބުނެ އަޝްފާޤާއި އަކްރަމްގެ ސިފަޔަށް މަލާމާތްކޮށް ހަޖޫޖަހާފައެވެ. އެދެކުޅުންތެރިން ތުނބުޅި ދިގުކޮށްފައި ހުންނަކަން ފާހަގަކޮށް އޭނާ ބުނެފައިވަނީ އެއީ ސޫރިއާ އަށް ހަނގުރާމައަށް ދާން ތައްޔާރުވެފައި ތިބި ބައެއްކަމަށާ، އެފަދަ ބަޔަކު ފުޓްބޯޅަ ކުޅޭތަން ބަލަން މިހާރު މީހަކު ދާނެތޯ ސުވާލު އުފެދޭކަމަށެވެ.

މިމައްސަލާގައި ސޫޒަންއަށް އަމާޒުވަމުންދަ ފާޑުކިއުންތަކުން ސޯޝަލް މީޑިއާ ފުރިފައިވާއިރު، އަކްރަމްއާއި އަޝްފާގްގެ ދިފާޢުގައި ގިނަ ބައެއްވަނީ ތެދުވެފައެވެ. މިދެ ކުޅުންތެރިންނަނީ ޤައުމީ ބަޠަލުންކަމަށާ، މިދެ ކުޅުންތެރިން ގައުމަށް ކޮށްދީފައިވާ ކަންކަމާއި ހޯދައިދިން ރީތިނަމާއި ޝަރަފަކީ ދިވެހިރައްޔިތުން ހަނދާންނެތޭނެ ކަމެއްނޫންކަމަށް ސޯޝަން މީޑިޔާގައި ޝުޢޫރުފާޅުކުރި އެތައްބަޔަކު ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ސްޕޯޓްސް މިނިސްޓަރު އަޙްމަދު މަހުލޫފް ކުރެއްވި ޓްވީޓްއެއްގައި ވަނީ އަޝްފާޤާއި އަކްރަމަކީ ޤައުމީ ބަޠަލުންކަމަށާ، ތުނބުޅި ދިގުކުރާ ކޮންމެ މީހަކީ އަދި ބުރުގާ އަޅާ އެންމެންނަކީ ހައްދުފަހަނައަޅާފައިވާ ބައެއް ކަމަށް ވިސްނާ ވިސްނުން ބަދަލުކުރަން ޖެހޭކަމަށެވެ.


މީގެ އިތުރުން މުޖްތަމަޢުގައި ތާފާތު ވިސްނުމުގެ މީހުން އުޅޭނެކަމަށާ، ޚިޔާލު ތަފާތުވިއަސް އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމް ކޮށްގެން އުޅެން ދަސްކުރަންޖެހޭކަމަށް މިނިސްޓަރ މަޙްލޫފް ކުރެއްވި ޓްވީޓްއެއްގައި ވިދާޅުވެފައިވެއެވެ.

ސޫޒަންގެ ޢަމަލު ކުއްވެރިކޮށް އެފްއޭއެމްއިންވެސްވަނީ ނޫސްބަޔާނެއް ނެރެފައެވެ. މިބަޔާންގައި ވަނީ ސޫޒަންގެ ޢަމަލަކީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއްކަމަށާ، މިފަދަ ކަންތަށްތަށް ކުރުމުން ފުޓްބޯޅަ ޢާއިލާއާއި އެކުޅުންތެރިންގެ ޢާއިލާތަކަށް އަގުނުކުރެވޭފަދަ ގެއްލުންމާއި ނުތަނަވަސްކަން ކުރިމަތިވާނެކަމަށެވެ. ދިވެހި ކުޅުންތެރިންނަކީ ރާއްޖޭގެ ޤާނޫނުތަކަށް ބޯލަނބައި މާތްވެގެންވާ އިސްލާމްދީނުގެ ހަމަތައް ހިފަހެއްޓުމުގައިވެސް ނަމޫނާ ބައެއްކަމަށް އެފްއޭއެމްގެ ބަޔާނުގައި ވެއެވެ. އަދި މިކަމުގެ ފުރިހަމަ ތަޙްޤީޤެއްކޮށް ފިޔަވަޅު އަޅައި ދިނުމަށް އެފްއޭއެމްއިން ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ސޫޒަންގެ ޕޯސްޓާ ގުޅިގެން ނުރުހުން ފާޅުކުރި މީހުންގެތެރޭގައި ސިޔާސީ ބޭފުޅުންނާއި މިނިސްޓަރުންނާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިމެނެއެވެ. އަދި ފުޓްބޯޅަ ސަޕޯޓަރުންނާއި ޢާއްމު ރައްޔިތުންގެ ތެރެއިން އެތައްބަޔަކުވެސް އަންނަނީ އަޝްފާޤާއި އަކްރަމްގެ ދިފާއުގައި ޝުޢޫރު ފާޅުކުރަމުންނެވެ.