ސިފައިންގެ ލަފާދޭ މަޖިލީހަށް އަންހެން ދެ އޮފިސަރަކު އައްޔަން ކުރައްވައިފިއެވެ.
މިއީ ސިފައިންގެ ތާރީޚުގައިވެސް ސިފައިންގެ ލަފާދޭ މަޖިލީހަށް ސީނިއަރ ރޭންކުގެ އަންހެން ދެ އޮފިސަރަކު އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ.
ސިފައިންގެ ލަފާދޭ މަޖިލީހަށް އައްޔަން ކުރެއްވި އަންހެން ސީނިއަރ ދެ އޮފިސަރުންގެ ތެރޭގައި ހިމެނެނީ ލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީން އާއި ލެފްޓިނެންޓް ކާނަލް ޑރ.ފާތިމަތު ތަޙުސީނާ އިބްރާހީމެވެ.
މި އޮފިސަރުންގެ ތެރެއިން ލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީންއަކީ ސިފައިންގެ ކޯޕަރޭޓިވްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)އެވެ. އަދި ލެފްޓިނެންޓް ކާނަލް ޑރ.ފާތިމަތު ތަޙުސީނާ އިބްރާހީމަކީ ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ ކޮމާންޑިންގ އޮފިސަރުގެ އެހީތެރިޔާއެވެ.
ސިފައިންގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުން ސިފައިންގެ ލަފާދޭ މަޖިލީހަކީ ސިފައިންގެ އިދާރީ އަދި އޮޕަރޭޝަނަލް ކަންކަމުގައި ސިޔާސަތު ކަނޑައެޅުމުގައި މިނިސްޓަރަށާއި ޗީފް އޮފް ޑިފެންސް ފޯސް އަށް މަޝްވަރާ އާއި ލަފާ ދިނުމަށް ސިފައިންގެ ލަފާދޭ މަޖިލީހަށް، ސިފައިންގެ އިސް އޮފިސަރުންގެ ތެރެއިން މިނިސްޓަރު ޢައްޔަން ކުރަންވާނެއެވެ.
ސިފައިންގެ ލަފާދޭ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ ޗީފް އޮފް ޑިފެންސް ފޯސްއެވެ. އަދި އެ ޤާނޫނުގައި ސިފައިންގެ އިދާރީ ކަންކަމުގެ ސިޔާސަތު ކަނޑއެޅުމުގައި އެ މަޖިލީހުގައި މިނިސްޓަރަށާއި ޗީފް އޮފް ޑިފެންސް ފޯސް އަށް ހަމައެކަނި މަޝްވަރާ ދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ދިފާޢާ ސަލާމަތާބެހޭ ކަންކަން ކުރުމަށް މަސްއޫލުވާ ވުޒާރާގެ އެންމެ އިސް ވެރިންގެ ތެރެއިން މިނިސްޓަރަށް ފެންނަ ބަޔަކު ބައިވެރިކުރުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.