ރާއްޖޭގައި ކޯވިޑް-19އިން ދިފާޢު ވުމަށް ދޭ ވެކްސިން މިހާތަނަށް 27367 މީހަކަށް ދީފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ. ވެކްސިން ދިނުން މާލެއާއި އަތޮޅުތެރޭގެ ކުރިއަށްދާއިރު އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދިގުމުއްދަތަށް ބޭސް ބޭނުންކުރާ ފަރާތްތަކަށާއި، 55 އަހަރުން މަތީގެ މީހުންނަށް މާދަމާ ވެކްސިން ދޭން ފަށާނެ ކަމަށް އެޗްޕީއޭއިންވަނީ ހާމަކުރައްވާފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އެކަނިވެސް 1902 މީހަކަށްވަނީ ވެކްސިންދީފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެސަރަހައްދުން ވެކްސިން ޖެހި 1496 މީހުންނާއި، އަތޮޅުތެރޭގައި ވެކްސިންޖެހި 406 މީހުންނެވެ.
އެޗްޕީއޭއިން ހާމަކުރައްވާފައިވާ ގޮތުގައި މިހާތަނަށް 27367 މީހަކަށްވަނީ ވެކްސިން ދީފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 22456 މީހަކާއި، އަތޮޅުތަކުން ވެކްސިން ޖެހި 4911 މީހުންނެވެ.
ރާއްޖޭގައި ކޯވިޑް ދިފާއު ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ރާއްޖޭގައި މިހާރު ދެމުންދަނީ އޮކްސްފޯޑާ އެސްޓްރާ ޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިންގެ 100،000ޑޯޒް ރާއްޖެއަށް ހަދިޔާކުރީ އިންޑިއާއިންނެވެ.
މިހާރު ރާއްޖޭގައި ޖަހަމުންދާ ކޮވިޝީލްޑް ވެކްސިންގެ އިތުރުން ޗައިނާގެ ސައިނޮފާމްގެ 5000 ވެކްސިން ޑޯޒްވެސް ރާއްޖެއަށްވަނީ ލިބިފައެވެ. ސަރުކާރުގެ އަމާޒަކީ 6 މަސްތެރޭގައި، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީއަށް ވެކްސިންދީ ނިންމުމެވެ.
ވެކްސިން ދިނުމުގެ މަސައްކަތް މާލޭ ސަރަޙައްދުގެ 7 ސެންޓަރަކާއި، އަތޮޅުތަކުގެ 55 ސެންޓަރެއްގައި ދަނީކުރަމުންނެވެ.