ސްޕެނިޝް ކޮޕާ ޑެލްރޭގެ ސެމީފައިނަލްގެ ފުރަތަމަ ލެގްގައި އެތުލެޓިކް ބިލްބާއޯ އާއި ލެވެންޓޭ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. ބިލްބާއޯގެ ދަނޑުގައި ކުޅުނު މިމެޗް އެއްވަރުވީ އެއް ލަނޑު އެއްލަނޑުންނެވެ.
މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ބިލްބާއޯއިން އުފެއްދި ނަމަވެސް މެޗްގެ ފުރަތަމަ ލަނޑު 26 ވަނަ މިނެޓްގައި ޖަހައި ލީޑު ނެގީ ލެވަންޓޭއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގޮންޒާލޯ މެލޭރޯއެވެ. މިމެޗްގައި ބިލްބާއޯއިން ޖެހި ލަނޑު މެޗްގެ 58 ވަނަ މިނެޓްގައި ޖަހައިދިނީ އިނީގޯ މާޓިނޭޒްއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ބިލްބާއޯއަށް ލިބި ބެކާރުވެފައިވެއެވެ.
މިދެޓީމްގެ މެދުގައި ކުޅޭ ސެމީފައިނަލްގެ ދެވަނަ ލެގްގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ ކުރީކޮޅުގައެވެ. އަދި ދެވަނަ ލެގް ކުޅެވޭނީ ލެވެންޓޭގެ ދަނޑުގައެވެ. މިމުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރާ އަނެއް ދެޓީމް ކަމަށްވާ އެފް.ސީ ބާސެލޯނާ އާއި ސެވިއްޔާ ބައްދަލުކުރި ފުރަތަމަ ލެގްވަނީ ސެވިއްޔާ ކާމިޔާބުކޮށްފައެވެ.