ދުނިޔެ

އީރާނުންދަނީ އެއްބަސްވުމާއި ޚިލާފަށް ޔުރޭނިއަމް ތައްޔާރުކުރަމުން: އައިއޭއީއޭ


އީރާނުން ޔުރޭނިއަމް އުފެއްދުމުގެ މަސައްކަތްކުރުމަށް ރާވާފައިވާ ރޭވުން ތަންފީޒުކޮށްފައިވާކަމަށް އދ.ގެ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ، އައިއޭއީއޭއިން ބުނެފިއެވެ.

2015ވަނަ އަހަރުގައި ދުނިޔޭގެ ބާރުތަކާއިއެކު އީރާނުން ވެފައިވާ "ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން"ގެ ދަށުން އީރާނުގެ ނިއުކުލިއަރ މަސައްކަތްތައް މަދުކުރުމުގެ ބަދަލެއްގެ ގޮތުން އެ ޤައުމާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށްވަނީ އެއްބަސްވެފައެވެ. އެ އެއްބަސްވުމުގައި އެމެރިކާ، އިނގިރޭސިވިލާތް، ރަޝިޔާ، ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް، ވިލާތުގެ އިއްތިޙާދު އަދި ޗައިނާއިންވަނީ ބައިވެރިވެފައެވެ. ނަމަވެސް 2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ ވެރިކަމާއި ރައީސް ޑޮނަލްޑް ޓްރަމްޕު ޙަވާލުވެވަޑައިގަތުމަށްފަހު އެމެރިކާއިންވަނީ އެ އެއްބަސްވުމުން ވަކިވެ، އީރާނާއި ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ސަބަބުން އީރާނުންވަނީ އެއްބަސްވުމާއި ޚިލާފަށް ބައެއް ކަންތައްތައް ކުރަން ފަށައިފައެވެ.

އީރާނުންވަނީ އެއްބަސްވުމާއި ޚިލާފަށް އެ ޤައުމުން ކުރަމުންދާ ކަންކަން އިތުރުކޮށްފައެވެ. މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އީރާނުގެ އެންމެ އިސް ނިއުކުލިއާ ސައިންސްވެރިޔާ މަރާލުމާއި ގުޅިގެން އީރާނުންވަނީ އެ ޤައުމުގެ ނިއުކުލިއާ ޙަރަކާތްތައް އިތުރުކުރުމަށް ގޮވާލާ ޤާނޫނެއް ފާސްކޮށްފައެވެ. އެ ޤާނޫނުގެ ދަށުން ޔުރޭނިއަމް އުފައްދާ ޕްލާންޓެއް ޤާއިމްކުރުމަށްވެސްވަނީ ނިންމާފައެވެ.

މިދިޔަ ޑިސެމްބަރު މަހުގައި ރިސާޗު ރިއެކްޓަރަކަށް ބޭނުންވާ ހަކަތަ ހޯދުމަށް އީރާނުން ޔުރޭނިއަމް ތައްޔާރުކުރާނެކަމަށް އެ ޤައުމުންވަނީ އައިއޭއީއޭއަށް އަންގައިފައެވެ. އެއާއިއެކު އެއްބަސްވުމުގައި ބައިވެރިވެފައިވާ ހުޅަނގުގެ ޤައުމުތަކުންވަނީ އެޓޮމް ބޮމެއް ތައްޔާރުކުރުމަށް ބޭނުންކުރެވޭ ޔުރޭނިއަމް އީރާނުން އުފެއްދުމަކީ 2015ވަނަ އަހަރުގެ ނިއުކުލިއާ އެއްބަސްވުމާއި ޚިލާފުކަމެއްކަމަށް އީރާނަށް ހަނދާންކޮށްދީފައެވެ.

އައިއޭއީއޭއިން ނެރުނު ބަޔާނެއްގައި ބުނީ އީރާނުން ޔުރޭނިއަމް އުފެއްދުމަށް ކުރިއަށް ގެންދާ މަސައްކަތްތަކާއިގުޅޭ އެންމެ ފަހުގެ މަޢުލޫމާތު އެ އިދާރާގެ ޑިރެކްޓާރ ޖެނެރަލް، ރަފައެލް މަރިއާނޯ ގްރޮސީ އެ އޭޖެންސީގެ މެންބަރު ސްޓޭޓުތަކާއި ޙިއްޞާކޮށްފައިވާކަމަށެވެ. އީރާނުގެ އެސްފަހަންގައި ހުންނަ ފިއުލް ޕްލޭޓް ފެބްރިކޭޝަން ޕްލާންޓް (އެފްޕީއެފްޕީ)ގައި 3.6 ގުރާމުގެ ޔުރޭނިއަމް ތައްޔާރުކޮށްފައިވާކަން އެ އޭޖެންސީއިން ކަށަވަރުކޮށްފައިވާކަމަށް ބަޔާނުގައިވަނީ ބުނެފައެވެ.

އެއްބަސްވުމުގެ ބައިވެރިންކަމުގައިވާ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާއި ޖަރުމަނުވިލާތުންވަނީ އީރާނުން ޔުރޭނިއަމް ތައްޔާރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއިމެދު މިދިޔަ މަހުގެ ތެރޭގައި ކަންބޮޑުވުން ފައުޅުކޮށްފައެވެ. އެ ޤައުމުތަކުން ބުނީ އީރާނުން ޔުރޭނިއަމް ތައްޔާރުކުރަމުންދަނީ އަސްކަރީ މަޤުސަދަށްކަމަށެވެ. ނަމަވެސް އީރާނުން އަބަދުވެސް ބުނަމުންދަނީ އެ ޤައުމުން ނިއުކުލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތް ނުކުރާކަމަށާއި ޔުރޭނިއަމް ތައްޔާރުކުރަނީ ޞުލްޙަވެރި ބޭނުންތަކަކަށް ކަމަށެވެ.