ކޯވިޑް-19 އިގެ ވެކްސިން ރާއްޖެއިން މިހާތަނަށް ޖެހި މީހުންގެ އަދަދު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަށް ވުރެ އިތުރު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެޗްޕީއޭއިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ކޯވިޑް-19އިން ރައްކާތެރިވާ ވެކްސިން ޖެހި މީހުންގެ ޢަދަދު ބުދަދުވަހުގެ ނިއަލަށް ވިހި ހާހަށްވުރެ މައްޗަށްވަނީ އަރާފައެވެ. އަދި އިއްޔެގެ ނިއަލަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ 17،201 އެވެ.
ކޯވިޑް ވެކްސިން ރާއްޖޭގައި މިމަހުގެ ފުރަތަމަ ދުވަހު ދޭން ފަށާފައިވާއިރު މިދިޔަ ބުދަދުވަހަކީ މިހާތަނަށް އެންމެ ގިނަ ބަޔަކަށް ވެކްސިން ދިން ދުވަހެވެ. އެގޮތުން މިދުވަހުގެ އިރު އޮއްސި ހަޔަކާ ހަމައަށް ރާއްޖޭގައިވަނީ 3910 މީހުންނަށް ކޯވިޑް-19ގެ ވެކްސިން ދީފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުގައި ވެކްސިން ޖެހި 3285 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 625 މީހުންނެވެ. މިއާއެކު މާލެ ސަރަހައްދުން ބުދަދުވަހުގެ ނިއަލަށް ޖުމްލަ 16703 މީހުން ވަނީ ވެކްސިން ޖަހާފައެވެ. އަދި އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 3458 އަކަށް އަރާފައެވެ.
ވެކްސިން ޖަހާފައިވާ މިނިސްބަތަށް ބަލާއިރު ރާއްޖޭގައި ކޯވިޑް ޖެހިފައިވާ މީހުންނަށްވުރެ ވެކްސިން ޖަހާފައިވާ މީހުންގެ އަދަދުމިވަނީ އިތުރުވެފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00އިން ފެށިގެން ބުދަދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް ވި 100 މީހުންނާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު އަދަދަކީ 17،201އެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 14،978 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2160 މީހުންނެވެ. އަދި މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދު ވަނީ 214 އަކަށް އަރާފައެވެ.
އަދި މިބަލި ދެނެގަތުމަށް ޖުމްލަ 446،805 ސާމްޕަލްވަނީ ނަގާފައެވެ. ރާއްޖެއިން މިހާތަނަށް 56 މީހަކު ކޯވިޑްބަލީގައިވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 48 ދިވެހިންނާއި، 8 ބިދޭސީންނެވެ.
ކޯވިޑް ރާއްޖެއިން ޖެހިފައިވާ މީހުންގެ އަދަދަށްވުރެ ވެކްސިން ޖެހި މީހުންގެ އަދަދު އިތުރުވެފައިވާއިރު ވެކްސިން ޕްރޮގްރާމަށް އާއްމުންގެ ފަރާތުން ވަރަށް ފުރިހަމަ ތަރުޙީބެއް ލިބެމުންދާކަން އެޗްއީއޯސީންވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖެއިން މިހާތަނަށް ވެކްސިން ޖަހާފައިވާ އެންމެންނަކީވެސް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނެވެ. މިވެކްސިން ފުރިހަމަވަނީ ވެކްސިންގެ ދެޑޯޒް ޖެހުމުން ކަމަށާއި ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނީ ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު 4 ހަފްތާ ފަހުން ކަމަށް ސިއްހީ މާހިރުވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިމުއްދަތުގެ ތެރޭގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން އުޅުމަށް ޞިއްހީ މާހިރުންވަނީ އިރުޝާދުދެއްވާފައެވެ. ރާއްޖޭގައި މިހާރު ޖަހަމުންދަނީ އޮކްސްފޯޑާ އެސްޓްރާޒެނެކާ ކުންފުނި ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިން ދިނުމުގެ މަސައްކަތް މާލޭގެ 7 ސެންޓަރަކާއި، އަތޮޅުތަކުގެ 38 ސެންޓަރެއްގައި މިހާރުވަނީ ފަށާފައެވެ.