ކުޅިވަރު

މި މޮޅު ހާއްސަ ކުރާނީ ސަޕޯޓަރުންނަށް : ގަސްޕެރީނީ



ކޮޕާ އިޓާލިޔާގައި ނަޕޯލީ އަތުން ހޯދި މޮޅާއެކު ފައިނަލު ފަހުޖާގަ ކަށަވަރުވުމުން ލިބުނު މޮޅު ހާއްސަ ކުރާނީ ޓީމުގެ ސަޕޯޓަރުންނަށް ކަމަށް އެޓްލާންޓާގެ ކޯޗު ޖިއާން ޕިއެރޯ ގަސްޕެރީނީ ބުނެފިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ގަސްޕެރީނީ ބުނީ މުބާރާތުގެ ފައިނަލަށް ދަތުރު ކުރެވުމަކީ ހޯދުނު ބޮޑު ކާމިޔާބެއް ކަމަށެވެ. އޭނާ ބުނީ ކަން ބޮޑުވުމަކީ ކޮންމެ މެޗެއްގައި އެއްފެންވަރެއްގައި ނުކުޅުވުން ކަމަށެވެ. ގަސްޕެރީނީ ބުނީ މުބާރާތުގެ ފައިނަލާމެދު ޓީމުން ވިސްނަން އަދި މާ އަވަސް ކަމަށާއި އިހަށް ޓީމުން ތައްޔާރުވާނީ ކުރިޔަށްހުރި މެޗުތަކަށް ކަމަށެވެ. މިފަދަ ނަތީޖާ ހޯދުމަށް އެއްވެސް ވަރަކަށް އޭނާގެ ޓީމުން އުންމީދު ދޫކޮށްނުލާ ކަމަށާއި، ފައިނަލުގައި ވާދަކުރަން ޖެހޭ ޔުވެންޓަސް ޓީމަކީ އުނދަގޫތަކެއް ކުރިމަތި ކުރުވާނެ ޓީމެއް ކަމަށާއި ޔުވެންޓަސް އަތުން ރަނގަޅު ނަތީޖާ އެއް ހޯދޭނީ އިތުރު ހިއްވަރަކާއެކު ކަމަށްވެސް ގަސްޕެރިނީ ބުންޏެވެ. ކުރިޔަށް އޮތް 40 ދުވަސް 13 މެޗު ކުޅެން ޖެހުމުން ޓީމުން ވަރަށް ބޮޑަށް ސަމާލުކަން ދީގެން ނޫނީ ރަނގަޅު ނަތީޖާ އެއް ނުހޯދޭނެ ކަމަށް ގަސްޕެރީނީ ބުންޏެވެ. އެޓްލާންޓާގެ އުންމީދު މަތި ވުމަކީ އެނާ ކުރިމަތިވާ އުނދަގުލެއް ކަމަށާއި އެހެން ނަމަވެސް އޭނާ މަސައްކަތް ކުރަނީ ޓީމުގެ އެންމެ ރަނގަޅު ފޯމު ދެއްކޭތޯ ކަމަށް އެޓްލާންޓާގެ ކޯޗު ބުންޏެވެ.

ކޮޕާ އިޓާލިޔާ ފައިނަލުގެ ޔުވެންޓަސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން އެޓްލާންޓާއިން ޗެމްޕިއަންސް ލީގުގެ ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނާނެއެވެ.