ކުޅިވަރު

އެންމެ ފަހުގެ ޗެމްޕިއަން ބަލިކޮށް ކޮޕާ އިޓާލިއާގެ ފައިނަލުން އެޓަލާންޓާ ޖާގަހޯދައިފި


ކޮޕާ އިޓާލިއާގެ ފައިނަލުން އެޓަލާންޓާ ޖާގަހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލުން އެޓަލާންޓާ ޖާގަހޯދީ ސެމީފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ އާއި ބައްދަލުކޮށް 3 ލަނޑު އެއްލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގްގެ މެޗް ނިމިފައިވަނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. އެހެން ކަމުން މި ސެމީފައިނަލްގެ ނަތީޖާ ނެރެފައިވަނީ ދެވަނަ ލެގްގައި ނިކުން ނަތީޖާއާއެކުއެވެ.

ދެޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ލަނޑު މެޗްގެ 10 ވަނަ މިނެޓްގައި ޖަހައިދިނީ އެޓަލާންޓާގެ ޑުވާން ޒަޕާޓާއެވެ. އަދި އޭގެ ހަމިނެޓް ފަހުން އެޓީމްގެ ދެވަނަ ލަނޑު ޖަހައިދިނީ ޒަޕާޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މަޓިއޯ ޕެސީނާއެވެ. މިމެޗްގައި ނަޕޯލީން ޖެހި ހަމައެކަނި ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ޖަހައިދިނީ ހަރވިންގ ލޮޒާނޯއެވެ. އަދި އެޓަލާންޓާއިން މިމެޗްގައި ޖެހި ފަހު ލަނޑު މެޗްގެ 78 ވަނަ މިނެޓްގައި ޖަހާ އެޓީމަށް ދެ ގޯލްގެ ލީޑު ނަގައިދިނީ ދެވަނަ ލަނޑުވެސް ޖަހައިދިން ޕެސީނާއެވެ.

އެޓަލާންޓާގެ ތާރީހްގައި މިހާތަނަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ތަށްޓެކެވެ. އެއީ 1963 ވަނަ އަހަރު ކާމިޔާބުކުރި ކޮޕާ އިޓަލިއާގެ ތަށްޓެވެ. ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އެޓަލާންޓާވަނީ 2019 ވަނަ އަހަރުގެ ފައިނަލްގައިވެސް ވާދަކޮށްފައެވެ. ނަމަވެސް ލާޒިއޯއަތުންވަނީ ބަލިވެފައެވެ. ފައިނަލްގައި އެޓަލާންޓާ ބައްދަލުކުރާނީ އިންޓަރ މިލާން ބަލިކޮށް ފައިނަލުން ޖާގަހޯދި ޔުވެންޓަސް އާއެވެ.