ގާނާގެ ޤާނޫނުހަދާ މަޖިލީހުގައި ކޯވިޑް-19 ފެތުރިފައިވާތީ މަދުވެގެން ތިން ހަފުތާގެ މުއްދަތަށް މަޖިލީސް މެދުކަނޑާލައިފިއެއެވެ.
ގާނާގެ ޤާނޫނުހަދާ މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ތެރެއިން މިހާތަނަށް 17 މެންބަރަކާއި އެ މަޖިލީހުގައި މަސައްކަތްކުރާ 151 ސަޕޯޓު ސްޓާފުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އޭގެ ސަބަބުން މަޖިލީހުގެ ބައްދަލުވުންތައް ބާއްވާ މިންވަރު މަދުކުރުމަށްވަނީ މަޖުބޫރުވެފައެވެ.
ފެބްރުއަރީ މަހުގެ 9ވަނަ ދުވަހުގައި ގާނާގެ މަޖިލީހުގެ ރައީސް، އަލްބަން ބޭގްބިންވަނީ މާރޗު މަހުގެ ދެވަނަ ދުވަހާއި ހަމައަށް މަޖިލީސް މެދުކަނޑާލުމަށް ނިންމާފައިވާކަން އިޢުލާނުކުރައްވާފައެވެ. އެގޮތަށް ނިންމާފައިވަނީ މަޖިލީހުގެ އިދާރާއިން ސެނިޓައިޒްކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި މަޤާމުތަކަށް ބޭފުޅުން އައްޔަނުކުރުމާގުޅޭ މަޖިލީހުގެ ކޮމިޓީން، މިދިޔަ ޑިސެމްބަރު މަހުގައި އެ ޤައުމުގެ ރައީސްގެ މަޤާމަށް ހޮވިވަޑައިގެންނެވި ނާނާ އަކުފޯ-އައްޑޯގެ ވަޒީރުންގެ ގޮތުގައި ހުށަހަޅުއްވާފައިވާ ނަންތައް ދިރާސާކުރަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ހުޅަނގު އެފްރިކާގެ ޤައުމެއްކަމަށްވާ ގާނާގައި މިހާތަނަށް 73،003 މީހުންނަށް ކޯވިޑް-19ޖެހި 482 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ގިނަ މީހުން ބައިވެރިވެގެން ބާއްވާ ބޮޑެތި އެއްވުންތައް ބޭއްވުން މަނާކޮށް، ބީޗުތަކާއި ސިނަމާތައްފަދަ އާންމުން އެއްވެ އުޅޭ ތަންތަންވަނީ ބަންދުކޮށްފައެވެ. އަދި އެ ޤައުމުގެ އެއްގަމާއި ކަނޑުގެ ސަރަޙައްދީ ރޮނގުތައްވެސްވަނީ މިދިޔަ އަހަރުގެ މާރޗު މަހުން ފެށިގެން ބަންދުކޮށްފައެވެ.