ސްޕެނިޝް ލަލީގާގައި އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ގެޓާފޭ ބައްދަލުކުރިމެޗް ރެއާލް ކާމިޔާބުކޮށްފިއެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.
ރެއާލްއިން އަނިޔާއާއި ސަސްޕެންޝަނުގެ ސަބަބުން އެޓީމްގެ ފުރަތަމަ އެގާރައިގާ އާންމުކޮށް ކުޅޭ ނުވަ ކުޅުންތެރިން ނާ ނުލާ ކުޅުނު މިމެޗްގައި އެޓީމްގެ ފަރާތުންވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އަފި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް ރެއާލްއެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ހާފްގައި ރެއާލްއަށް ލަނޑެއް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ. މިމެޗްގައި ރެއާލްއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 60 ވަނަ މިނެޓްގައި ވިނީޝިއަސް ޖޫނިއަރ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހާދިނީ ކަރީމް ބެންޒީމާއެވެ. އަދި އޭގެ 6 މިނެޓްފަހުން ރެއާލްގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފަރލަންޑް މެންޑީއެވެ.
މިކާމިޔާބީއާއެކު ރެއާލް މިހާރުވަނީ ޕޮއިންޓް ތާވަލްގެ އެއްވަނައިގާއުޅޭ އެޓްލެޓިކޯ މެޑްރިޑާއި ދެމެދުގައިވާ ފަރަގު 5 ޕޮއިންޓަކަށް ކުޑަކޮށްފައެވެ. ނަމަވެސް ރެއާލްވަނީ އެޓްލެޓިކޯއަށްވުރެ ދެމެޗް އިތުރަށް ކުޅެފައެވެ. ރެއާލްއަށް 22 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ. އަދި އެޓްލެޓިކޯއަށް ލިބިފައިވަނީ 20 މެޗުން 51 ޕޮއިންޓެވެ. އަދި ކުރިން ދެވަނައިގައި އޮތް އެފް.ސީ. ބާސެލޯނާ މިހާރުވަނީ ތިންވަނައަށް ވެއްޓިފައެވެ. މިމެޗުން ބަލިވި ގެޓާފޭ މިހާރު އުޅެނީ 22 މެޗް ކުޅެގެން ލިބިފައިވާ 24 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.