އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުން ދުނިޔޭގެ އެއްވަނަ އަންހެން ކުޅުންތެރިޔާ އޭޝްލީ ބަރޓީ އާއި އޮސްޓްރޭލިއަން އޯޕަންގެ އެންމެފަހުގެ އަންހެން ޗެމްޕިއަން ސޯފިޔާ ކެނިން ޖާގަހޯދައިފިއެވެ.
މި މުބާރާތުގެ ދެވަނަ ބުރުން އޭޝްލީ ބަރޓީ ޖާގަހޯދީ ފުރަތަމަ ބުރުގައި ޑަންކާ ކޮވިނިޗް އާއި ބައްދަލުކުރިމެޗް ސިދާ ދެ ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗް ބަރޓީ ކާމިޔާބުކުރީ އެންމެ ގޭމެއްވެސް ވައްޓާނުލާ ހައެއް ސުމެއް އަދި ހައެއް ސުމަކުންނެވެ. އަދި މިމެޗް އޭނާ ކާމިޔާބުކޮށްފައިވަނީ 44 މިނެޓުންނެވެ. މިއީ ބަރޓީ ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ގްރޭން ސްލޭމް މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ސެމީފައިނަލްގައި ބަލިވިފަހުން ކޯވިޑް19 ގެ ހާލަތާގުޅިގެން މިދިޔަ އަހަރުގެ އިތުރު އެހެން ގްރޭން ސްލޭމް މުބާރާތެއްގައި ބަރޓި ވާދަކޮށްފައެއް ނުވެއެވެ.
މިމުބާރާތުގެ ދެވަނަ ބުރުން އެންމެފަހުގެ އަންހެން ޗެމްޕިއަން ސޯފިއާ ކެނިން ޖާގަހޯދީ އޮސްޓްރޭލިއާގެ މެޑިސަން އިންގްލިސްއާ ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހަތެއް ފަހެއް އަދި ހައެއް ހަތަރަކުންނެވެ.
ނަމަވެސް ކުރީގެ ޗެމްޕިއަން ވިކްޓޯރިއާ އަޒަރެންކާވަނީ ފުރަތަމަ ބުރުން ކަޓާފައެވެ. އަޒަރެންކާ ބަލިވެފައިވަނީ ޖެސިކާ ޕެގުލީ އާއި ބައްދަލުކުރިމެޗު ހަތެއް ފަހެއް އަދި ހައެއް ހަތަރަކުން ބަލިވެފައެވެ.