ޚަބަރު

ވެންޓިލޭޓަރ ކޮރަޕްޝަންގެ މައުލޫމާތު ނުދީ ހިފަހައްޓާކަމުގެ ތުހުމަތު އޭސީސީއާއި ފުލުހުންނަށް!


ކޯވިޑް-19އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިނގާފައިވާކަމަށް ތުހުމަތުކުރާ މައްސަލާގައި، ޕްރޮސެކިއުޓަރ ޖެނެރަލް ބޭނުންވާ މަޢުލޫމާތު ފުލުހުންނާއި، އެންޓި-ކޮރަޕްޝަންސް ކޮމިޝަނުން ނުދީ ހިފަހައްޓާާ މައްސަލަ ބެލުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ މައްސަލައިގައި، ހެއްކާއިި ގަރިނާ ނެތްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވެފައިވާތީ، އެކަމުގައި ޚިލާފް އުފެދި އެކަމާއި ގުޅޭ މަޢުލޫމާތު އިދާރާތަކުން ހޯދުމަށް ޕީޖީއަށް ލަފާއެރުވުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މަޖިލީހުން ފާސްކޮށްފައިވާކަމަށެވެ. އަދި އެމައްސަލަަ މުރާޖައާ ކުރުމަށް ޕީޖީއަށް ދެންނެވިކަން ފާހަގަކުރައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ޕީޖީ އެދިވަޑައިގަންނަވާ މަޢުލޫމާތު މިއަދާއި ހަމައަށްވެސް ފުލުހުންވެސް އަދި އޭސީސީންވެސް ފޯރުކޮށްދީފައިނުވާކަމަށް ޕީޖީ މަޖިލީހުގައި ވިދާޅުވެފައިވާކަމަށެވެ. އެހެންކަމުން އެ މަޢުލޫމާތު ނުދީ ހިފަހައްޓާ ސަބަބު ސާފުކުރުމަށް އެމައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

"އަޅުގަނޑު ޖުޑީޝަރީ ކޮމިޓީގައި އަނެއްކާވެސް އެދެނީ މި މުއައްސަސާތަކަށް، އެއީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސްއާއި، ފުލުހުންގެ ކޮމިޝަނަރު، އެ ދެބޭފުޅުން ގާތުގައި އައްސަވައިގެން ސާފުުރައްވައިގެން، އެބޭފުޅުން އެ މަޢުލޫމާތު ނުދެއްވާ ސިއްރުކުރައްވަން ޕްރޮސެކިއުޓަރ ޖެނެރަލަށް އެ މަޢުލޫމާތު ނުދެއްވާ އެ ތިއްބެވީ ކޮން ސަބަބަކަށްޓައިއިތޯ ސާފުކުރުން." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ވެންޓިލޭޓަރުތައް ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއި ހަވާލުކުރި މައްސަލަ ތަހުގީގުކޮށް އެ މައްސަލާގައި ދައުވާކުރުމަށް އެސީސީން 11 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް ހުށައެޅިއެވެ. އެސީސީގެ ތަހުޤީގުގައި ބުނެފައިވަނީ ވެންޓިލޭޓަރ ހޯދުމުގައި ހެލްތު މިނިސްޓްރީން މަސައްކަތްކޮށްފައި ވަނީ ވަކި ބަޔަކަށް މަންފާއެއް ވާގޮތަށްކަމަށެވެ. އެހެންނަމަވެސް މި މައްސަލާގައި ޕީޖީ އޮފީހުން ނިންމާފައިވަނީ ދައުވާ ނުކުރުމަށެވެ. ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، މަޖިލީހުގެ މެންބަރުންގެ ފާޑުކިއުންތައް އަމާޒުވެ، އޭރު ހެލްތު މިނިސްޓަރަކަށް ހުންނެވި ޢަބްދުﷲ ޢާމީން ވަނީ މަޤާމުން އިސްތިއުފާދެއްވާފައެވެ.

މި މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެފައިވަނީ އެ މައްސަލަ ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް އޭސީސީގެ ތަޙްޤީޤުން ފެންނަން ނެތްކަމަށާއި، މިކަމުގައި ޖިނާޢީ ދައުވާއެއްކޮށް ސާބިތުކޮށްދެވޭނެ ޙާލަތެއްވެސް ނެތްކަމަށެވެ. ޕީޖީގެ މި ނިންމުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން އޭސީސީއާއި ކަމާއި ގުޅުންހުރި ބައެއް ޢިދާރާތަކުން ވަނީ ފާޅުކޮށްފައެވެ. އަދި ޕީޖީ ނިންމެވި ނިންމެވުން މުރާޖަޢާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނަރަލަށް ލަފާއެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ރިޕޯޓެއް އެކުލަވާލައި، އެރިޕޯޓް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.