ޚަބަރު

ފަލަސްޠީން ހިމެނޭގޮތަށް 13 ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން


ފަލަސްޠީން ހިމެނޭހެން 13 ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައަޅުއްވާ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ނަންފުޅުތައް ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ. ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައަޅުއްވާ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅު މިއަދު ވަނީ މަޖިލީހުގެ ތަޅުމަށް އިއްވާފައެވެ.

ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައަޅުއްވާފައިވާ ގޮތް:

* ޖަރުމަންވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ލަޠީފް، ޔޫކްރެއިންއަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
* އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ޙުސައިން ނިޔާޒް، އަޒަރުބައިޖާންއަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
* ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢުމަރު ޢަބްދުއްރައްޒާގް، އޮސްޓްރޭލިޔާ އާއި ސައުތު އެފްރިކާއަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
* ސައުދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލް، ފަލަސްޠީނަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
* ތައިލެންޑަށް ކަނޑައަޅުއްވާފައިވާ ސަފީރު މުޙައްމަދު ޖިނާޙް، ކެމްބޯޑިއާ، ވިއެޓްނާމް، ލާއޯސްއަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
* ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރްކަޒުތަކަށް، ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ.އާސިމް އަޙްމަދު، އިޓަލީވިލާތް، ތުރުކީވިލާތް، އޮސްޓްރިއާއަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
* ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު ޝަބީނާ، މިސްރަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
* ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބް، ނިއުޒިލޭންޑަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް

ސަފީރުންނަށް ރުހުން ހޯއްދެވުމަށް، ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ދިރާސާކުރުމަށް ފޮނުއްވާފައެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ، ރާއްޖޭގެ ޚާރިޖީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، އިތުރު ޤައުމުތަކަށް "ނޮން-ރެޒިޑެންޓް" ސަފީރުން ކަނޑައެޅުމަށް މިމަސައްކަތްކުރައްވަމުން އަންނަކަމަށް ވިދާޅުވެފައެވެ. އެގޮތުން ފުރަތަމަ ފަހަރަށް ފަލަސްޠީނަށް "ނޮން-ރެޒިޑެންޓް" ސަފީރެއް ކަނޑައަޅުއްވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.