ގއ. މާމެންދޫގައި ރޭ ހިނގި މާރާމާރީގައި ކުޑަކުއްޖަކު މަރާލި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ރޭ މާރާމާރީގައި ތޫނު އައްޗަކުން ހަލާދީ ޒަހަމްކޮށްލުމުން ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ ގއ. މާމެންދޫ، ލީލީ އޮފްދެ ވެލީ އުމުރުން 17 އަހަރުގެ އަހްމަދު އުދައްޔުއެވެ. މި މާރާމާރީގައި ޒަހަމްވި 21 އަހަރުގެ ޒުވާނަކަށްވެސް ގއ އަތޮޅު ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. މި ޒުވާނާގެ ހާލުވެސް ސީރިއަސްކަމަށް މައުލޫމާތު ލިބެއެވެ. މި މާރާމާރީގައި މަރުވި ކުއްޖާއާއި ލިބުނު ސީރިއަސް ޒަހަމްތަކަށް ފަރުވާދެމުން އަންނަ ޒުވާނާއަކީ އެއްބަނޑު އެއްބަފާ ދެބެއިންނެވެ.
ރޭ މާރާމާރީގައި މަރުވި ކުޑަކުއްޖާގެ ބުރަކަށީގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވާކަމަށާއި 4-5 އިންޗި ފުނަށް ވަޅި ހަރާ ޒަހަމްކޮށްލާފައިވާ ނިޝާންތައްވެސް ހުރިކަމަށް ގއ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ. 17 އަހަރުގެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށާއި ވަޅި ހަރާފައިވަނީ ވަރަށް ފުނަށް ކަމުން ހަށިގަނޑުގެ މައި ގުނަވަންތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަންވެސް ޑޮކްޓަރުން ހަވާލާދީ ގއ އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި ފުރަގަހުން ވަޅި ހަރާފައިވަނީ ފުއްޕާމެޔާ ހިތާ ދިމާލުންކަމަށާއި ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލަމުން އަންނަތީ ކުއްޖާގެ ހަށިގނޑު އަދިވެސް އޮތީ ގއ.އަތޮޅު ހޮސްޕިޓަލުގައިކަމަށް އެ ހޮސްޕިޓަަލުން ވިދާޅުވެއެވެ.
މި ޙާދިސާގައި ދެން ޒަހަމްވި ޒުވާނާ ހޮސްޕިޓަލަށް ގެނެސްފައިވަނީ މަރުވި ކުއްޖާއަށްވުރެ 45 ވަރަކަށް މިނެޓު ފަހުންކަމަށްވެސް ހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި މި ޒުވާނާގެ ބުރަކަށްޓަށްވެސް ވަޅި ހަރާފައިވާކަމަށާއި އެކަމުގެ ސަބަބުން ހަށިގަނޑުން ވަރަށް ބޮޑަށް ލޭ ހުސްވެފައިވާކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި ދެފަހަރެއްގެ މަތިން ލޭ އެޅުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ގދ.ތިނަދީ ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފައެވެ.
ފުލުހުން ވިދާޅުވީ ރޭ ހިނގި މާރާމާރީއާއި ގުޅިގެން މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ޒުވާނަކާއި 23 އަހަރުގެ ޒުވާނަކާއި 18 އަހަރުގެ ކުއްޖެއްކަމަށެވެ. މި އެންމެންވެސް ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއް ދަށުންކަމަށް ފުލުހުން ވިދާޅުވެއެވެ.
We are investigating a fatal stabbing incident in GA Maamendhoo that resulted in the death of a 17 year old boy and another critically wounded. One suspect has been taken in to police custody. Officers from nearby islands in GA atoll have been dispatched to assist Maamendhoo team
— Mohamed Hameed (@M_Hameedh) February 8, 2021
ކޮމިޝަނަަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މި ހާދިސާ ތަހުގީގުކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމެންޓްގެ ހާއްސަ ތަހުޤީގު ޓީމެއް އެރަށަށް ދަތުރުކުރަމުންދާކަމަށެވެ. ސީޕީ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހާދިސާގެ މައުލޫމާތު ލިބުމާއި އެކު ގއ އަތޮޅުގައި ހަރަކާތްތެރިވަމުންދާ ފުލުހުންގެ ޓީމެއް އެރަށަށް ފޮނުވާފައިވާކަމަށެވެ. އަދި މި މަރު ތަހުގީގުކުރުމަށް މާމެންދޫ ރައްޔިތުންގެ ފުރުހަމ އެއްބާލުން ބޭނުންވާކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީއަކީ ދެ ގްރޫޕެއްގެ މެދުގައި ހިނގި މާރާމާރީއެކެވެ.
އުތުރުފެންޑާ
އިސްލާމިކު މިނިސްޓްރީން ހަމައެކަނި މުސްހަފު ސުކޫލުތަކަށް ދިނުމަކުން ނުފުދޭނެ ލާދީނީ ފިކުރު ހިންގާބައިގަޑުވެސްހުއްޓުވާންޖެހޭ އިރާދަކުރެއްވިޔާ އޭރުރަގަޅުވާނެއެވެ