ކުޅިވަރު

ސެލްޓަ ވީގޯއިން އެޓްލެޓިކޯ މެޑްރިޑް މޮޅުވިޔަނުދީ ހިފަހައްޓައިފި


ސްޕެނިޝް ލަލީގާގައި ސެލްޓަވީގޯއިން ތާވަލްގެ އެއްވަނައިގާ އުޅޭ އެޓްލެޓިކޯ މެޑްރިޑް މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ. އެޓްލެޓިކޯގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 2 ލަނޑު 2 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު ޖަހައި މެޗްގެ 13 ވަނަ މިނެޓްގައި ލީޑު ނެގީ ސެލްޓަ ވީގޯއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ސަންޓި މީނާއެވެ. ނަމަވެސް އެޓްލެޓިކޯއަށް ކުޅޭ ތަޖްރިބާކާރު ފޯވަޑް ލުއިސް ސުވަރޭޒްވަނީ ފުރަތަމަ ހާފް ނިމެން ކައިރިވެފައިވަނިކޮށް ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި ދެވަނަ ހާފް ފެށިތާ ފަސް ވަނަ މިނެޓްގައި ސުވަރޭޒްވަނީ މިމެޗްގައި އެޓްލެޓިކޯއަށް ލީޑު ނަގައިދީފައެވެ. މިއީ މިސީޒަންގައި އޭނާ ކާމިޔާބުކުރި 16 ވަނަ ލަނޑެވެ. އަދި ސުވަރޭޒަކީ މިސީޒަންގައި މިހާތަނަށް ލަލީގާގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާވެސްމެއެވެ. މިލަނޑާއެކު ލީގުގައި 17 ވަނަ މެޗުން އެޓްލެޓިކޯ މޮޅުވާނެކަމަށް ގިނަ ބަޔަކު ހީކުރިނަމަވެސް މެޗް ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ސެލްޓަ ވީގޯގެ ފަކުންޑޯ ފެރޭރާވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މިމެޗް އެއްވަރު ވުމުން މިސީޒަންގައި އަދި އެންމެ މެޗަކުން ބަލިވެފައިވާ އެޓްލެޓިކޯއަށްވަނީ 20 މެޗުން 51 ޕޮއިންޓް ލިބިފައެވެ. އަދި ޕޮއިންޓް ތާވަލްގައި އެޓީމަށް 8 ޕޮއިންޓްގެ ލީޑެއް ލިބިފައިވެއެވެ. އެޓީމާއި އެންމެ ގާތުން ވާދަކުރަމުންދާ އެފްސީ ބާސެލޯނާއަށް 21 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ. މިމެޗް އެއްވަރު ވުމުން ސެލްޓަވީގޯވަނީ 22 މެޗުން ލިބިފައިވާ 26 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައަށް ކުރިއަށް ޖެހިލާފައެވެ.