ޚަބަރު

ކުރީގެ ޑެޕިއުޓީ މިނިސްޓަރ ނަޡީމްގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި


"ގެދޮރުވެރިކުރުވުން" ޕްރޮގްރާމްގެ ދަށުން ހއ.ދިއްދޫގައި ޢިމާރާތްކޮށްފައިވާ ފްލެޓް ދޫކުރުމުގައި ސިޔާސީ ގޮތުން ނުފޫޒު ފޯރުވައި، ޙައްޤު ނޫން ފަރާތްތަކަށް ފްލެޓް ދީފައިވާކަމަށް ބުނާ މައްސަލައެއްގައި ކުރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް ނަޡީމްގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފިއެވެ.

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަޙްޤީޤުކޮށް މިމައްސަލަ ނިންމައި، ދައުވާކުރުމަށްޓަކައި މިއަދު ވަނީ ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވާފައިކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

މި މައްސަލައިގައި ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑެޕިއުޓީ މިނިސްޓަރ އަދި އެ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓާއި ސިޔާސީގޮތުން ހަވާލުވެހުރި މއ.އެލީޒިއަމް އިބްރާހީމް ނަޡީމްގެ މައްޗަށެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ، ޤާނޫނުލްއުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ، ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް އޭގެ ފައިދާ ލިބެންނުޖެހޭ މީހަކަށް މަންފާ ހޯދާދިންކަމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ހއ.ދިއްދޫގައި ޢިމާރާތްކޮށްފައިވާ 250 ހައުސިންގ ޔުނިޓްތަކުގެ ތެރެއިން 2017 ވަނަ އަހަރު ދޫކޮށްފައިވާ 140 ހައުސިންގ ޔުނިޓްތަކަށް އެދި ހުށަހެޅި ފަރާތްތަކަށް ދިއްދޫ ކައުންސިލްގެ އިދާރާއިން ޕޮއިންޓް ދީފައިވަނިކޮށް ހައުސިންގ މިނިސްޓްރީން ދިއްދޫ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ހުއްޓުވައި ފޯމްތައް ހައުސިން މިނިސްޓްރީއަށް ގެންގޮސްފައިވާކަން އެނގޭކަމަށް އޭސީސީން ވިދާޅުވެއެވެ. އަދި އެމިނިސްޓްރީގެ ފަރާތުންވެސް ހައުސިންގ ޔުނިޓްތަކަށް ޕޮއިންޓްދީފައިވާކަމާއި، އިވެލުއޭޝަން މަރުޙަލާގެ ރިވިއު މަސައްކަތުގައި އިބްރާހީމް ނަޡީމް ބައިވެރިވެފައިވާކަން މިމައްސަލައިގެ ތަޙްޤީޤަށް އެނގިފައިވާކަމުގައިވެސް އޭސީސީން ވިދާޅުވެއެވެ.

އިބްރާހީމް ނަޡީމްއަކީ ހއ.ދިއްދޫ ހައުސިންގ ޔުނިޓްތައް ދޫކުރި އިރު ހައުސިންގ ޑިޕާޓްމަންޓްގެ ސިޔާސީގޮތުން އިސްވެރިޔާކަމަށްވެފައި، ހައުސިންގ ޔުނިޓްތައް ދޫކުރުމުގައި ނިންމުން ނިންމޭފަދަ މަޤާމެއްގައި ހުރި މީހެއްކަން އޭސީސީން ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޕޮއިންޓް ދީފައިވާ ގޮތް ބަދަލުކޮށް ހައުސިން ޔުނިޓްތައް ލިބެން ނުޖެހޭ ފަރާތްތަކަކަށް ހައުސިން ޔުނިޓްތައް ދީފައިވަނީ އިބްރާހީމް ނަޡީމް އޭނާގެ މަޤާމުގެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ވަކި ބަޔަކަށް ފައިދާ ހޯދައިދިނުމަށްކަން ޝައްކެއްނެތް މިންވަރަށް ތަޙްޤީޤަށް ސާބިތުކުރެވޭކަމަށްވެސް އޭސީސީން ވިދާޅުވެއެވެ.

މީގެއިތުރުން، "ގެދޮރުވެރިކުރުވުން" ޕްރޮގްރާމްގެ ދަށުން ދިއްދޫގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓް ދޫކުރުމާގުޅޭ ލިޔުންތައް ހައުސިންގ މިނިސްޓްރީން ރަނގަޅަށް ބަލަހައްޓާފައި ނުވާތީ، މިކަމަކީ، މިހައުސިންގ ޔުނިޓްތައް ދޫކުރުމާއި ގުޅުންހުރި މަސައްކަތް އޭރު ކުރި އެ މިނިސްޓްރީގެ މުވައްޒަފުންގެ އިހުމާލުގެ ޢަމަލެއްކަމަށް އޭސީން ފާހަގަކުރައްވައެވެ.

މިކަމުގައި އިހުމާލުވެފައިވާ މުވައްޒަފުންނާމެދު ޖިނާޢީ ދަޢުވާއެއް ކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ލިބިފައިނުވާކަމަށާ، އެހެންނަމަވެސް މިކަމުގެ ސަބަބުން ބައެއްގެ ހައްޤުތަކެއް ގެއްލިފައިވާތީ، އިހުމާލުވި މުވައްޒަފުންނާމެދު އިދާރީ ފިޔަވަޅު އެޅުމަށް އޭސީސީއަށް ފެންނަކަމަށްވެސް އެކޮމިޝަނުން ވިދާޅުވެފައިވެއެވެ.