ވިޔަފާރި

ނާގޯށި އަގުމަގުކުރުމުގެ މަސައްކަތް ފަށައިފި


ރިސޯޓެއް ތަރައްޤީކުރުމަށް އެމްޓީޑީސީއަށް ދީފައިވާ ހދ. ނާގޯށި އަގުމަގުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީން ބުނީ ނާގޯށީގެ ވެލުއޭޝަން ނުވަތަ އަގުމަގުކުރުމުގެ މަސައްކަތް ފާމަކާ ހަވާލުކޮށްފައިވާކަމަށެވެ. ނަމަވެސް މަސައްކަތް ހަވާލުކޮށްފައިވާ ފާމުން ކޯވިޑް ކޭސްތަކެއް ފެނުމާއި ގުޅިގެން އެމަސައްކަތް މެދުކެނޑިފައިވާކަމަށް އެމްޓީޑީސީން ބުނެއެވެ.

އެމްޓީޑީސީން ބުނީ އެކުންފުނީގެ މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް އާއްމުކުރުން ލަސްވެފައިވަނީ ޓޫރިޒަމް ޤާނޫނަށް އެންމެފަހުން ގެނައި އިސްލާހުގެ ސަބަބުން ހިސާބުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އަގުމަގު ކުރުމަށްކަމަށެވެ. އެހެންކަމުން ނާގޯށި އަގުމަގުކުރުމުގެ މަސައްކަތަށްފަހު މާލީ ހިސާބުތައް އާއްމު ކުރެވޭނީ މިމަހުގެ ފަހުކޮޅުކަމަށް އެމްޓީޑީސީން ބުނެއެވެ.

ހދ. ނާގޯށީގައި ރިސޯޓެއް ތަރައްޤީކުރަން މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީއާ ސަރުކާރުން ޙަވާލުކޮށްފައިވަނީ މިދިޔަޖުލައިމަހުއެވެ. މިއީ ރިސޯޓެއް ތަރައްޤީކުރަން ނާގޯށި އެމްޓީޑީސީއާ ޙަވާލުކުރި 3 ވަނަ ފަހަރެވެ. ޓުއަރިޒަމް މިނިސްޓްރީން މިފަހަރު ނާގޯށި އެމްޓީޑީސީއާ ޙަވާލުކުރީ 3 އަހަރުދުވަހުގެ ތެރޭގައި އެރަށުގައި ރިސޯޓެއް އޮޕަރޭޓްކުރަން ފަށަންޖެހޭގޮތަށެވެ.

އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ މަންފާ ދިވެހި ރައްޔިތުންނަށް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ. އެމްޓީޑީސީ ވުޖޫދަށް އައުމަށްފަހު ސަރުކާރުން އެކުންފުންޏަށް ރިސޯޓްގެ ގޮތުގައި ތަރައްޤީކުރުމަށް ނުވަވަރަކަށް ރަށް ދީފައިވާއިރު، ހދ އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ދިން ނާގޯއްޓަކީ ފާހަގަކޮށްލެވޭ މަޝްރޫއުއެކެވެ. ނަމަވެސް މީގެ ކުރިން އެރަށުގައި ރިސޯޓެއް ތަރައްޤީކުރުމަށް ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުވެފައެއް ނުވެއެވެ.