ޚަބަރު

ޔާމީން ރަޝީދަށް ޙަމަލާދިން ވީޑިއޯ ކޯޓުގައި ދައްކައިފި


ބްލޮގަރ ޔާމިން ރަޝީދަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި، އޭނާއަށް ޙަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު ކްރިމިނަލް ކޯޓްގައި ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ދައްކައިފިއެވެ.

ޔާމީން ރަޝީދު މަރާލާފައިވަނީ 2017ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23ވަނަ ދުވަހުގެ ރޭ ދަންވަރު އޭނާ ދިރިއުޅޭގެ މ.ސްޕެޓިއުލާގޭގެ ސިޑިގޮޅި ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީއެވެ. އެމައްސަލާގައި ދައުލަތުން ދަޢުވާ އުފުލާފައިވަނީ، ހ.އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ.އިރަސްމިކުގޭ އަޙްމަދު ޒިހާން އިސްމާއިލާއި، ގދ.ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ.ކުދެހިގޭ ހަސަން ޝިފާޒާއި، މ.ތާއިފް އިސްމާއިލް ރަޝީދާއި މ.ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

އެ 6 މީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.

މިއަދު ކްރިމިނަލް ކޯޓްގައި ބޭއްވި އަޑުއެހުމުގައި ވަނީ ޔާމީން ދިރިއުޅުނު ގޭގެ ސިޑިގޮޅިއާއި، ލިފްޓްގައި ހުރި ކެމެރާއިން ރިކޯޑްކޮށްފައިވާ ބައެއް ވީޑިއޯ ދައްކާފައެވެ.

އެގޮތުން ލިފްޓު ތެރެގައި ހުރި ކެމެރާއިން ރިކޯޑްކޮށްފައިވާ ވީޑިއޯއިން ފެންނަނީ ލިފްޓުގެ ދޮރު ހުޅުވޭއިރު ސިޑި ގޮޅި ތެރޭގައި މީހަކު ބިންމައްޗަށް ވައްޓާލައި ދެ މީހަކު ވެގެން އެމީހާއަށް ޙަމަލާދޭ މަންޒަރެވެ. އެއިން އެކަކު ގައިގައި ފައިން ޖަހަން ވެއްޓިފައިއޮތް ޔާމީން ރަޝީދު މަސައްކަތް ކުރެއެވެ.

އެ ދެ މީހުން ވެގެން ޔާމީން ބިންމައްޗަށް ވައްޓާލައި ހަމަލާދޭ މަންޒަރު ފެނުނަސް އެވީޑިއޯއިން ޔާމީންގެ ގަޔަށް އެމީހުން ވަޅި ހަރާ ތަނެއް ސީދާ ނުފެނެއެވެ. ވަރަށް ކުޑަ ވަގުތުކޮޅެއްގައި ހިނގި މިކަންތައް ލިފްޓް ކެމެރާއަށް ފަރުދާވީ ލިފްޓްގެ ދޮރު ލެއްޕުމުންނެވެ. ރެކޯޑުކުރެވިފައިވަނީ ލިފްޓުގެ ދޮރު ހުޅުވުމާއި ލެއްޕުމާ ދެމެދުގެ ވަގުތު ކޮޅެކެވެ. އަދި ސިއޑި ގޮޅީގައި އަލިކަމެއްވެސް ނެތެވެ.

ދައުލަތުން ދަޢުވާ ކުރާގޮތުގައި ޔާމީން ރަޝީދަށް އެހަމަލާ ދިން ދެ މީހުންނަކީ އަޙްމަދު ޒިހާން އިސްމާއިލާއި، އިސްމާއިލް ހައިޝަމް ރަޝީދެވެ. ދެން ތިބި އެންމެންވެސް ތިބީ ގޭގެ ބޭރުގައި ކަމަށް ދައުލަތުން ބުނެފައިވެއެވެ.

ދެވަނައަށް ދެއްކި ވީޑިއޯއިން ފެންނަނީ ޔާމީނަށް ހަމަލާ ދިންކަމަށް ތުހުމަތުކުރާ ދެމީހުން ގޮސް، ޕެޓިއުލާގޭގެ ސިޑި ކައިރީގައި ބަހައްޓާފައި ހުރި ކެމެރާއެއް އެހެން ދިމާލަކަށް އަނބުރާލާތަނެވެ.

އެކަންކުރީ ހައިޝަމްކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ. އެގޮތުން އޭނާގެ ފިންގަޕްރިންޓު އެކެމެރާއިން ފެނިފައިވާކަމަށް ދައުލަތުން ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން އެކަކު ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ. އެކަމުންވެސް އެއީ ރޭވިގެން ހިންގި ކަމެއްކަން އެނގޭ ކަމަށްވެސް ދައުލަތުން ވިދާޅުވެއެވެ. މީގެ އިތުރުން އެ ގޭގެ ތެރޭގައި އެމީހުން ބޮކި ނިއްވާލިކަން ދައްކަންވެސް ދައުލަތުން ވީޑިއޯއެއް ދައްކާފައިވެއެވެ.

މިއަދު ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި މިމައްސަލައިގެ ދައުވާ ލިބޭ އިސްމާއިލް ރަޝީދު ބުނީ މިދިޔަ އަހަރުގެ މާރިޗް މަހު މާފުށީ ޖަލުގައި އޭނާ ހުރި ގޮޅިއަށް ކަރެކްޝަންސް އޮފިސަރުންތަކެއް ވަދެ، އޭނާއަށް އަނިޔާކޮށްފައިވާކަމަށެވެ. އެ މައްސަލަ އެޗްއާރުސީއެމްއަށް ހުށައެޅުމުން އޭނާގެ ބަޔާން ނެގުން ފިޔަވަވާ އިތުރުކަމެއް ކޮށްފައި ނުވާކަމަށާއި، ކުށެއް ނުކުރަނީސް އޭނާ ޖަލުގައި އެކަހެރި ގޮޅިއެއްގައި ބާއްވާފައިވާކަމަށް އިސްމާޢީލް ރަޝިދު ބުންޏެވެ. އޭނާ ބުނި ގޮތުގައި ލޮލުގެ އިންފެކްޝަނެއް އުފެދިގެން ކުރި އޮޕަރޭޝަނަކަށް ފަހު ދޭންޖެހޭ ބޭސްތައް ގަވާއިދުން ކަރެކްޝަންސަނުން އޭނާއަށް ނުދޭތީ މިހާރު ދެވަނަ އޮޕަރޭޝަނެއް ކުރުމަސް ޑޮކްޓަރުން ލަފާދީފައިވާކަމަށެވެ. ނަމަވެސް އެލިޔެކިއުންތައް ކަރެކްޝަންސް އިން ހަވާލުކޮށްފައި ނުވާކަމަށްވެސް އޭނާ ބުންޏެވެ.

ދައުވާ ލިބޭ އިސްމާއިލް ރަޝީދުގެ ފަރާތުން އޭނާގެ ވަކީލު މައުމޫން ހަމީދު މީގެ ކުރިންވެސް ވަނީ ޖަލުގައި އޭނާއަށް ޓޯޗާ ކޮށްފައިވާ ކަމަށް ބުނެފައެވެ. މައުމޫން ވިދާޅުވީ ބަންދުގައި އިސްމާއިލް ހޭދަކުރި ތިން އަހަރާއި ނުވަ މަސް ދުވަހުގެ ތެރެއިން ތިން މަހާއި ހަތް ދުވަހު އޭނާ އުޅެން ޖެހިފައި އޮތީ އަނިޔާ އާއި ބޭސްފަރުވާ ނުލިބުމުގެ ޝަކުވާތަކުގައިކަމަށެވެ. އަދި ދައުލަތަށް އޭނާގެ ބޭސްފަރުވާގެ ކަންކަން ނުކުރެވޭ ނަމަ، އޭނާ އާއިލާއާއި ހަވާލުކުރަން އެދޭކަމަށްވެސް މައުމޫން ހަމީދު ވިދާޅުވިއެވެ.

ނަމަވެސް މިމައްސަލާގައި ދައުލަތުން ބުނީ އިސްމާއިލަށް އަނިޔާކުރި މައްސަލަ އެޗްއާރުސީއެމްއިން މިހާރު ބަލަމުންދާ ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އަނިޔާކުރިކަން ފާހަގަ ނުވާކަމަށްވެސް އެޗްއާރުސީއެމް އިން ބުނެފައިވާކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އަދި އޭނާއަށް ދޭންޖެހޭ ފަރުވާ ކަރެކްޝަންސް އިން ފޯރުކޮށްދޭ ކަމަށާއި، ކޯވިޑް-19އާ ގުޅިގެން ފަރުވާ ދިނުމުގައި ބައެއް ދަތިތައް ހުރުމުން ލަސްތަކެއް ކުރިމަތިވަނީކަމަށް ދައުލަތުން ވިދާޅުވެެފައިވެއެވެ.

މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވިދާޅުވީ އެކަން އިތުރަށް ބެލުމަށްޓަކައި ދެން އޮންނަ އަޑުއެހުމަކަށް ކަރެކްޝަންސްގެ އިސްވެރިއަކު ހާޒިރު ކުރާނެކަމަށެވެ.

ދައުވާ ލިބޭ ހައިޝަމްގެ ވަކީލް އަހުމަދު ޔާމީން ވިދާޅުވީ، ހައިޝަމް ހައްޔަރު ކުރުމަށްފަހު، ފުލުހުންގެ ވެހިކަލެއްގެ ތެރޭގައި އޭނާއަށް އަނިޔާކޮށްފައިވާކަމަށެވެ. އޭނާ މާލެއިން ހައްޔަރު ކުރުމަށްފަހު ގެންގޮސް ބަހައްޓާފައި ހުރީ ފ.ނިލަންދޫ ޕޮލިސް ސްޓޭޝަންގައިކަމަށާއި، އެކަމުގެ ސަބަބުން ދިފާޢުވުމަށްވެސް ހުރަސް އެޅުނުކަމަށެވެ.

ދައުވާ ލިބޭ ޒިހާން ބުނީ، ފުލުހުން އޭނާ ލޯންޗަކަށް އަރުވައިގެން ގެންގޮސް، އިއުތިރާފުވާން މަޖުބޫރު ކުރުވިކަމަށެވެ. އެގޮތުން އޭނާގެ ގައިގައި ތަޅައި އަނިޔާކޮށް، ވޯޓާ ބޯޑިންގެ އަދަބު ދިންކަމަށް އޭނާ ބުންޏެވެ. އަދި ފަހުން އޭނާ ބަހައްޓާފައި ހުރީ އދ.މަހިބަދޫ ޕޮލިސް ސްޓޭޝަންގައިކަމަށްވެސް އޭނާ ބުންޏެވެ.

ދައުވާ ލިބޭ އިސްމާއިލް ބުނީ އޭނާ ހައްޔަރު ކޮށްގެން ފުރަތަމަ ގެންގުޅުނީ ފުލުހުންގެ ހެޑް ކުއާޓާސްގެ ކޮޓަރިއެއްގައިކަމަށެވެ. އެތަނުގެ ފާރެއް ކުރިމައްޗަށް ވާގޮތަށް ކޮންމެ ދުވަހަކު އެތައް ގަޑިއިރެއް ވަންދެން އޭނާ ބަހައްޓާކަމަށް އިސްމާޢީލް ބުންޏެވެ. އަދި ނިދަން ޖެހެނީ ވެސް އެތަނުގައި ސްލީޕިން ބޭގެއް އަޅައިގެންކަމަށްވެސް އޭނާ ބުންޏެވެ.

ނަމަވެސް ދައުލަތުން ބުނިގޮތުގައި މާލެ ނޫން އެހެން ރަށްރަށުގައި ދައުވާ ލިބޭ ބައެއް މީހުން ބޭތިއްބީ ތަހުގީގީ ސްޓްރެޓެޖީއެއްގެ ގޮތުންކަމަށެވެ. އެއީ ގާނޫނާ ޚިލާފުކަމެއް ނޫން ކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ. ނަމަވެސް ދިފާޢީ ވަކީލުން ވަނީ ދައުލަތށްވެސް ކުރެވޭނީ ޤާނޫނުން ހުއްދަ ކަންކަންކަމަށާއި، މާލެ ސަރަހައްދުގައި ޖަލުތައް ހުއްޓައި އެމީހުން އެހެން ތަންތަނުގައި ނުބޭތިއްބޭނެކަމަށެވެ.

ގާޒީ އާދަމް މުޙައްމަދު ވަނީ އެކަންކަން އިތުރަށް ބެއްލެވުމަށް ފުލުހުން ހާޒިރު ކުރަންޖެހޭ ނަމަ، އެކަން ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެ މައްސަލާގެ އިތުރު އަޑުއެހުމެއް މިމަހު ބާއްވާނެކަމަށްވެސް ޤާޟީ ވިދާޅުވިއެވެ.