ޚަބަރު

އެސްޓްރަޒެނެކާގެ ވެކްސިން ތައްޔާރުކުރުމަށް ބޭނުންވާ ސާމާނު ބްރެޒިލަށް ގެންގޮސްފި


އެސްޓްރަޒެނެކާގެ ކޯވިޑް-19 ވެކްސިން ތައްޔާރުކުރުމަށް ބޭނުންކުރާ އެކްޓިވް އިންގްރީޑިއަންޓުގެ ފުރަތަމަ ޝިޕްމަންޓު ޗައިނާއިން ބްރެޒިލަށް ގެންގޮސްފިއެވެ. ބްރެޒިލްގައި ކުރިއަށްގެންދާ ކޯވިޑް-19 ވެކްސިން މަޝްރޫޢުގެ މުހިންމު ބައެއްގެ ގޮތުގައި އެސްޓްރަޒެނެކާގެ ވެކްސިން ހިމެނެއެވެ.

އެސްޓްރަޒެނެކާ ކުންފުންޏާއި ބްރެޒިލްގެ ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެސްޓްރަޒެނެކާގެ ވެކްސިން ބުރެޒިލުގައި ތައްޔާރުކުރުމަށް ބޭނުންވާ އެކްޓިވް އިންގްރީޑިއަންޓު އެ ޤައުމަށް ފޮނުވުމަށްވަނީ ނިންމާފައެވެ. އެ އެއްބަސްވުމުގެ ދަށުން އެސްޓްރަޒެނެކާގެ ވެކްސިންގެ 100 މިލިއަން ޑޯޒް ބްރެޒިލްގައި ތައްޔާރުކުރުމަށް ދެ ފަރާތުންވަނީ އެއްބަސްވެފައެވެ.

ނަމަވެސް ޗައިނާއިން ބްރެޒިލަށް އެ ތަކެތި ފޮނުވުމުގައި ލަސްތަކެއް ކުރިމަތިވެ، ބްރެޒިލްގެ ފައޯކުރުޒް ބަޔޯމެޑިކަން ސެންޓަރުގައި މިދިޔަ ޑިސެމްބަރު މަހުގައި ފެށުމަށް ރާވާފައި އޮތް ވެކްސިން ތައްޔާރުކުރުމުގެ މަޝްރޫޢުވަނީ ފަސްވެފައެވެ. އޭގެ ސަބަބުން އެ ޤައުމުގެ ވެކްސިން މަޝްރޫޢު ފެށުމަށް ބްރެޒިލުން ބަރޯސާވެފައިވަނީ ޗައިނާގެ ސިނޯވެކް ބަޔޯޓެކުން އުފައްދާފައިވާ ވެކްސިނަކާއި މިދިޔަ މަހުގައި އިންޑިޔާއިން ގެނައި އެސްޓަރެނެކާގެ ވަގުތުން ބޭނުންކުރެވޭ ވެކްސިންގެ ދެ މިލިއަން ވެކްސިން ޑޯޒްގެ މައްޗަށެވެ.

ގިނަ ދުވަސްތަކަކަށްފަހު އެސްޓްރަޒެނެކާގެ ވެކްސިން ތައްޔާރުކުރުމަށް ބޭނުންވާ އެކްޓިވް އިންގުރީޑިއަންޓުގެ ފުރަތަމަ 88 ލީޓަރު ޗައިނާއިން ބްރެޒިލަށް ފޮނުވާފައިވަނީ ފެބްރުއަރީ މަހުގެ 6ވަނަ ދުވަހުގައެވެ. އެ މާއްދާ ބޭނުންކޮށްގެން ފައޯކުރޫޒް ބަޔޯމެޑިކަލް ސެންޓަރަށް އެސްޓްރަޒެނެކާގެ ވެކްސިންގެ 2.8 މިލިއަން ޑޯޒް ތައްޔާރުކުރެވޭނެއެވެ. މި މަހުގެ ކުރިއަށް އޮތްތަނުގައި އެކްޓިވް އިންގްރީޑިއަންޓުގެ އިތުރު ޝިޕްމަންޓެއް ލިބޭނެކަމަށް ފައޯކުރޫޒް ބަޔޯމެޑިކަލް ސެންޓަރުން ބުންޏެވެ. އެ ތަކެތި ބޭނުންކޮށްގެން އެސްޓްރަޒެނެކާގެ ވެކްސިންގެ ޖުމްލަ 15 މިލިއަން ޑޯޒް ތައްޔާރުކުރެވޭނެކަމަށް އެ ސެންޓަރުން ބުންޏެވެ.

އެސްޓްރަޒެނެކާގެ ވެކްސިން ބްރެޒިލްގައި ތައްޔާރުކުރަން ފަށާފައިވާއިރު ފައިޒާ ކުންފުނިން ތައްޔާރުކޮށްފައިވާ ކޯވިޑް-19 ވެކްސިން އެ ޤައުމުގައި ބޭނުންކުރުމުގެ ހުއްދައަށް މިހާރުވަނީ އެދިފައެވެ. މިއީ ބްރެޒިލްގައި ބޭނުންކުރުމުގެ ޙުއްދައަށް އެދިފައިވާ ދެވަނަ ވެކްސިނެވެ. އެސްޓްރަޒެނެކާގެ ވެކްސިނަށް ޙުއްދަ ދިނުމަށް އެ ކުންފުނިން އެދިފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 29ވަނަ ދުވަހުގައެވެ.

ކޯވިޑް-19 ވެކްސިން ނުޖައްސަވާނެކަމަށް ވިދާޅުވަމުންދާ އެ ޤައުމުގެ ރައީސް، ޚައިރް ބޮލްސޮނާރޯއަށްވަނީ ބްރެޒިލްގައި ވެކްސިން މަޝްރޫޢު ކުރިއަށް ގެންދާ ގޮތާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ. ބްރެޒިލްގައި މިވަގުތުދަނީ ކޯވިޑް-19ގެ ދެވަނަ ރާޅެއް ހަލުވިކަމާއިއެކު ފެތުރެމުންނެވެ. ބްރެޒިލްގައި މިހާތަނަށް 9.49 މިލިއަން މީހުންނަށް ބަލިޖެހި 231،069 މީހުން މަރުވެފައިވާއިރު، އެ ޤައުމު މިވަގުތު އޮތީ ކޯވިޑް-19 ޖެހިގެން ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ޤައުމުގެ ގޮތުގައެވެ.