ހިމާލަޔާ ފަރުބަދަ ސަރަޙައްދުގައި ހުރި ބިޔަ ގަނޑުފެންގަނޑެއް ފަޅައިގެންގޮސް އިންޑިޔާގެ ފެން އެއްކުރާ ޑޭމްއެއްގައި ޖެހި ހިނގި ނުރައްކާތެރި ހާދިޘާއެއްގައި 150އެއްހާ މީހުން މަރުވެއްޖެއެވެ.
ހާދިޘާ ހިނގި އިންޑިޔާގެ އުއްތަރަޚަންދު ސްޓޭޓުގެ ޗީފް ސެކެޓްރީ، އޯމް ޕްރަކާޝް ވިދާޅުވީ ހާދިޘާގައި މަރުވި މީހުންގެ ސީދާ އަދަދު މިހާތަނަށް ޔަޤީންވެފައިނުވި ނަމަވެސް 100އާއި 150އާއި ދެމެދުގެ ޢަދަދެއްގެ މީހުން މަރުވެފައިވާކަމަށް ބެލެވޭކަމަށެވެ.
ހާދިޘާ ހިނގި މަންޒަރު ދުށް މީހެއްކަމަށްވާ އުއްތަރަޚަންދުގެ ރައިނީ އަވަށުގައި ދިރިއުޅޭ ސަންޖޭ ސިންހު ރާނާ ބުނީ ގަނޑުފެންގަނޑު ފަޅައިގެން ދިޔުމުގެ ސަބަބުން އެ ޑޭމް ގުޅިފައިވާ ކޯރުން ބިޔަ ހިރަފުސްގަނޑަކާއި ގަލާއި ފެން އެ އަވަށަށް ފޭބީ ވަރަށް ކުއްލިއަކަށްކަމަށާއި ނުރައްކަލާއިގުޅޭ ގޮތުން އެއްވެސް މީހަކަށް އިންޒާރުދޭނެ ވަގުތެއް ނުލިބޭކަމަށެވެ. ގަނޑުފެންފަނޑު ޑޭމްގައި ޖެހުމުން ޑޭމްވެސް ހަލާކުވެ، ބަނޑުންވި ފެންގަނޑުގެ ސަބަބުން ގިނަ ޢަދަދެއްގެ މީހުން އޮޔާއިއެކު ގެންގޮސްފައިވާކަމަށް އޭނާ ބުންޏެވެ.
ކައިރި ސަރަޙައްދެއްގައި ހުންނަ ހައިޑްރޯ-ޕަވާ މަޝްރޫޢެއް ކުރިއަށްގެންދާ ސައިޓެއްގައި ތިބި އެންމެނާއި، ކޯރު އޮންނަ ސަރަޙައްދުގައި ބަކަރި ހުއިހައްޕަމުންނާއި ދަރު އެއްކުރަމުންދިޔަ އަވަށު މީހުން ފެންގަނޑާއިއެކު އޮޔާ ގޮސްފައިވާކަމަށްވަނީ ބެލެވިފައެވެ. ހާދިޘާގެ ސަބަބުން ގެއްލިފައިވަނީ ކިތައް މީހުންކަމެއް އަދި ނޭނގެއެވެ.
އިންޑިޔާއިންވަނީ އެ ޤައުމުގެ ދެކުނުގެ ގިނަ ޑިސްޓްރިކްޓުތަކުގެ ސަމާލުގެ މިންވަރު އިތުރުކޮށްފައެވެ. އުއްތަރުޚަންދުގެ ޗީފް މިނިސްޓަރު ޓްރިވެންޑްރާ ސިންހު ރަވާތު ވިދާޅުޅުވީ ފެންގަނޑު ބަންޑުންވި އަލަކްނަންދާ ކޯރުގެ ފެންގަނޑު ދައުރުވާގޮތް މިހާރު ރަނގަޅުވެފައިވާކަމަށެވެ. ނަމަވެސް އަދިވެސް ފެނުގެ އުސްމިން ހުރީ އާންމުކޮށް ހުންނަ މިންވަރަށްވުރެ އެއް މީޓަރު އުސްކޮށްކަމަށާއި، އެ މިންވަރުވެސް މިހާރު ދަށަށް ދާން ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ހިމާލަޔާ ސަރައްދުގައި އޮންނަ އުއްތަރުޙަންދަނީ ޗަކަ ފޭބުމާއި ފެންބޮޑުވުމުގެ ހާދިޘާތައް ވަރަށް ގިނައިން ކުރިމަތިވާ ސަރަޙައްދެކެވެ. 2013ވަނަ އަހަރުގެ ތެރޭގައިވެސް ރެކޯޑު މިންވަރަކަށް އެ ސަރަޙައްދަށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން އެ ސްޓޭޓުން 6،000އެއްހާ މީހުންވަނީ މަރުވެފައެވެ.