ކުޅިވަރު

ފަހަތުން އަރައި ހެއުސްކާ އަތުން މޮޅުވެ މެޑްރިޑް ދެވަނައަށް


ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް މޮޅުވެ ތާވަލުގެ ދެވަނައަށް ކުރިޔަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ހެއުސްކާ އަތުން މެޑްރިޑް މޮޅުވީ 2-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ދެވަނަހާފް ފަށައިގެން ތިންވަނަ މިނިޓް ތެރޭގައި ޖާވީ ގަލަން ކާމިޔާބު ކޮށްދިންއިރު މެޑްރިޑުގެ ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ރަފޭލް ވެރާނޭއެވެ.

ތާވަލުގެ ފުލުގައި އޮތް ހެއުސްކާ ދެކޮޅަށް ކުޅުނުމެޗުގައި މެޑްރިޑުގެ ކަރިމް ބެންޒީމާއަށް ވެސް ވަނީ ލަނޑުޖަހާނެ ފުރުސަތު ލިބި ނަގާލާފައެވެ. މިއީ މިސީޒަނުގައި ލީގުގައި މެޑްރިޑު ކުޅުނު 21 މެޗުން ހޯދި 13 ވަނަ މޮޅު. ހެއުސްކާ ލީގުގައި މިހާތަނަށް 21 މެޗު ކުޅުނު އިރު މޮޅެއް ހޯދިފަވަނީ އެންމެ ދެ މެޗުންނެވެ.

ރޭ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ރަށުން ބޭރުގައި އެލްޗޭ އަތުން ވިޔަރެއާލް ވަނީ 2-2 ލަނޑުން އެއްވަރުވެފައެވެ. ސެވިއްޔާ ވަނީ އަމިއްލަ ދަނޑުގައި ގެތާފޭ އަތުން މޮޅުވެ ތާވަލުގެ ތިންވަނައަށް ކުރިޔަށް ޖެހިލާފައެވެ.

ލީގުގެ ރޭގެ ނަތިޖާ ތަކާއެކު ރެއާލް މެޑްރިޑް ދެވަނައިގަ އޮތީ އެއްވަނައިގައިވާ އެތުލެޓިކޯއަށް ވުރެ 7 ޕޮއިންޓް މަދުން ހޯދައިގެން 43 ޕޮއިންޓާއެކުއެވެ. ސެވިއްޔާ ތިންވަނައިގަ އޮތީ ހަތަރުވަނައިގައިވާ ބާސެލޯނާ ވުރެ 2 ޕޮއިންޓް އިތުރަށް ހޯދައިގެން 42 ޕޮއިންޓާއެކުއެވެ. ރޭ ކުޅުނު މެޗު އެއްވަރުވުމުން ވިޔަރެއާލް އޮތީ 36 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ.