ފައިޒާއާއި ބަޔޯއެންޓެކް ކުންފުނިން އުފައްދާފައިވާ ކޯވިޑް-19 ވެކްސިން ކުއްލި ޙާލަތުގައި ބޭނުންކުރުމުގެ ހުއްދައަށް އެދި އިންޑިޔާއަށް ހުށަހަޅާފައިވާ އެޕްލިކޭޝަން އެ ކުންފުނިން އަނބުރާ ގެންގޮސްފިއެވެ.
އެމެރިކާގެ ފައިޒާ ކުންފުންޏަކީ ކުއްލި ޙާލަތުގައި އިންޑިޔާގައި ކޯވިޑް-19 ވެކްސިނެއް ބޭނުންކުރުމުގެ ޙުއްދައަށް އެދިފައިވާ ފުރަތަމަ ކުންފުންޏެވެ. އެ ކުންފުނިންވަނީ އިންޑިޔާގެ ބޭހާއި ވެކްސިނަށް ހުއްދަދޭ ރެގިއުލޭޓަރުންނާއިއެކު ފެބްރުއަރީ މަހުގެ 3ވަނަ ދުވަހުގައި ބައްދަލުކޮށްފައެވެ. ވެކްސިނަށް ޙުއްދަ ހޯދުމަށް އެދިފައިވާ އެދުން އެ ކުންފުނިން އަނބުރާ ގެންދިޔައީ އެ ބައްދަލުވުމަށްފަހުގައިކަމަށް ފައިޒާއިން ބުންޏެވެ.
ފައިޒާއިން ނެރުނު ބަޔާނެއްގައި ބުނީ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކާ ނިންމި ނިންމުންތަކުގެ މައްޗަށް ރިޢާޔަތްކޮށް، އިންޑިޔާގެ އިދާރާތަކަށް ވެކްސިނާއި ގުޅޭގޮތުން ބޭނުންވާ އިތުރު މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެ ކުންފުނިން ހުށަހަޅާފައިވާ އެޕްލިކޭޝަން މިވަގުތަށް އަނބުރާ ގެންދިޔުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް އިންޑިޔާގެ އިދާރާތަކާއެކު އަދިވެސް މަސައްކަތްކޮށް، ބޭނުންވާ އިތުރު މަޢުލޫމާތުތައް ހޯދާ ހިމެނުމަށްފަހު ކުރިއަށްއޮތް ތަނުގައި ވެކްސިން ބޭނުންކުމުމުގެ ހުއްދައަށް އަނެއްކާވެސް އެދޭނެކަމަށް އެ ކުންފުނިން ބުންޏެވެ.
ކުއްލި ޙާލަތުގައި ފައިޒާގެ ވެކްސިން ބޭނުންކުރުމުގެ ހުއްދައަށް އިންޑިޔާގެ އިދާރާތަކުގައި އެ ކުންފުނިން އެދިފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. ފައިޒާއިން ވެކްސިނަށް ހުއްދަ ދިނުމަށް އެދިފައިވަނިކޮށް މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އިންޑިޔާއިންވަނީ ފައިޒާގެ ވެކްސިނަށްވުރެ އަގުހެޔޮ ދެ ވެކްސިނެއް ކުއްލި ޙާލަތުގައި ބޭނުންކުރުމުގެ ހުއްދަފީފައެވެ. އެއީ އެސްޓްރަޒެނެކާ ކުންފުންޏާއި އޮކްސްފޯޑު ޔުނިވަސިޓީން ތައްޔާރުކޮށްފައިވާ ވެކްސިނާއި، އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗާއި ބާރަތު ބަޔޯޓެކުން ތައްޔާރުކޮށްފައިވާ ވެކްސިނެވެ. އެ ދެ ވެކްސިން ބޭނުންކުރުމުގެ ހުއްދައަށް އެދިފައިވަނީ ފައިޒާއަށްވުރެ ފަހުންނެވެ.
އެނގިފައިވާ ގޮތުގައި ފައިޒާއިން އެދިފައިވާ ހުއްދަ ދިނުމަށް އިންޑިޔާގެ ސެންޓްރަލް ޑްރަގްސް ސްޓޭންޑަޑް ކޮންޓްރޯލް އޯގަނައިޒޭޝަނުން ދެކޮޅުހަދާފައިވަނީ އެ ވެކްސިނަކީ އިންޑިޔާގެ ރައްޔިތުންނަށް ރައްކާތެރި ވެކްސިނެއްކަން ޔަޤީންކޮށްދޭ ޓްރަޔަލެއް އިންޑިޔާގައި ކުރިއަށް ގެންގޮސްފައި ނުވާތީއެވެ.
އިންޑިޔާގެ ޞިއްޙީ ފަރާތްތަކުން ބުނީ އެފަދަ ކުދި ޓްރަޔަލްތައް އިންޑިޔާގައި ކުރިއަށް ގެންދިޔުމަށް ސަރުކާރުން އާންމުކޮށް އެދެނީ ހުޅަނގުގެ ޤައުމުތަކުގެ މީހުންނާއި އިންޑިޔާގެ ރައްޔިތުންނާއި ދެމެދު ވިރާސީ ތަފާތުތަކެއް ހުރުން އެކަށީގެންވާއިރު، ދެބައި މީހުންގެ މެދުގައި ވެކްސިން މަސައްކަތް ކުރާގޮތުގައި ތަފާތުތަކެއް ހުރެދާނެތީކަމަށެވެ.
ފައިޒާގެ ވެކްސިންގެ ކާމިޔާބީގެ ނިސްބަތަކީ 95 އިންސައްތަކަމަށް އެ ވެކްސިންގެ ތިންވަނަ މަރުހަލާގެ ތަހުލީލުތަކުންވަނީ ދައްކާފައެވެ.