ކުޅިވަރު

ލީގުގެ އެންމެ ވާދަވެރި އެއް މެޗަށް ލިވަޕޫލާއި މެންޗެސްޓަރ ސިޓީ ތައްޔާރު


އިންގްލިޝް ޕްރިމިއަރ ލީގުގައި ވޭތުވެދިޔަ ދެތިން ސީޒަންގައި ލިވަޕޫލާއި މެންޗެސްޓަރ ސިޓީގެ ކުރިމަތިލުމަކީ އެމެޗަކަށް އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެެއްމެޗެވެ. ސަބަބު ތަކެއް ނެތިއެއްވެސް ނޫނެވެ. ދޭތުވެދިޔަ ތިން ސީޒަންގައި ލީގަށް އެންމެ ގާތުން ވާދަކޮށްފައިވަނީ މިދެޓީމެވެ. އަދި މިސީޒަންގައިވެސް ލީގު ކާމިޔާބު ކުރާނެކަމަށް ގިނަ ބަޔަކު ޤަބޫލްކުރާ ޓީމްތަކުގެ ކުރީގައި އަދިވެސް ލިވަޕޫލާއި މެންޗެސްޓަރ ސިޓީ ހިމެނެއެވެ.

ޕްރިމިއަރ ލީގުގައި މާދަމާ ރޭ ލިވަޕޫލާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރާއިރު ދެޓީމަށްވެސް އަނިޔާގެ މައްސަލަ ކުރިމަތިވެފައިވެއެވެ. އަދި ދެޓީމްގެ ތެރެއިން އަނިޔާގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކޮށްފައިވަނީ ލިވަޕޫލަށެވެ. މިގޮތުން ރަނގަޅު ފޯމެއްގައި އޮވެ ލީގު ދިފާއު ކުރުމުގެ އަޒުމުގައި ލީގު ފެށި ލިވަޕޫލަށް މިސީޒަންގައި އެޓީމްގެ މުހިންމު ކުޅުންތެރިން ތަކަކަށް އަނިޔާވެ އެޓީމްގެ ކުޅުމުން އެއަސަރު ވަރަށް ބޮޑަށް ފާހަގަވަމުންދެއެވެ. ހާއްސަކޮށް އެޓީމްގެ ޑިފެންސަށް ކުޅޭ ކުޅުންތެރިންނަށް ލިބެމުންދާ އަނިޔާ ފާހަގަކޮށްލެވެއެވެ. މިގޮތުން ވަރޖިލް ވެން ޑައިކް އާއި ޖޯ ގޯމޭޒް އަށް ލިބުނު އަނިޔާތަކުގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާއި ދުރަށް ދާން ޖެހުނު އިރު ބަދަލުގައި ކުޅެން އަރާ ޖޮއެލް މަޓިޕްއަށްވެސް ލިބުނު އަނިޔާއެއްގެ ސަބަބުން ސީޒަންގެ ބާކީބައިގައި ނުފެންނާނެ ކަންވަނީ ޔަގީންވެފަެވެ. އަދި ޑިފެންސްގައި މިސީޒަންގައި ބޭނުން ކުރަމުންދާ ފަބީނިއޯވެސް މުޅިން ފިޓެއް ނޫނެވެ. މިކަމުގެ ސަބަބުން ޖެނުއަރީ ޓްރަންސްފަރ ގައި ލިވަޕޫލުންވަނީ ދިފައީ ދެ ކުޅުންތެރިން ޓީމަށް ގެނެސްފައެވެ. ނަމަވެސް މީގެތެރެއިން ކުޅުންތެރިއެއް މިމެޗްގެ ފުރަތަމަ އެގާރައިގައި ހިމެނުން މާއަވަސް ކަމަށް ބައެއް ފަރާތްތަކުން ހާމަކުރެއެވެ. އަދި އެންމެ ފަހުން ލިވަޕޫލް ކުޅުނު މެޗްގައި އަނިޔާ އާއި ބަލިވުމުގެ ސަބަބުން ނުފެންނަ ދެކުޅުންތެރިން ކަމަށްވާ ފޯވަޑް ސާޑިއޯ މާނޭ އާއި ކީޕަރ އެލިސަން ބެކަރ މިމެޗުން ފެނުން ވަރަށް ގާތް ކަމަށްވެއެވެ.

މެންޗެސްޓަރ ސިޓީއަށް ބަލާލާއިރު އެޓީމަށްވެސް އަނިޔާގެ މައްސަލަތައް މިސީޒަންގައި ދިމާވެފައިވެއެވެ. މިގޮތުން ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ސަރޖިއޯ އަގުއޭރޯއަށް ލިބިފައިވާ އަނިޔާގެ ސަބަބުން މިސީޒަންގެ ބޮޑުބައި ދިޔައީ ކުޅުމާއި ދުރުގައެވެ. އަގުއެރޯ ނެތް ތަން ސިޓީއިން މިސީޒަންގައި ޖަހާ ގޯލްގެ އަދަދަށް ބަލާލުމުން ހާމަވެގެންދެއެވެ. އަދި ކެވިން ޑި ބްރޫނަރއަށް އަނިޔާގެ ސަބަބުން ވޭތުވެދިޔަ ދެމެޗްގައި އޭނާ ނުކުޅެއެވެ. މީގެއިތުރުން މިސީޒަންގައި ސިޓީއާ އަލަށް ގުޅުނު ނޭތަން އައިކޭވެސް ހުރީ އަނިޔާގައެވެ. މިފަހަރުގެ ސީޒަންގެ ފުރަތަމަ މެޗުން މޮޅުވި ނަމަވެސް ސީޒަންގެ ކުރީކޮޅު ސިޓީއަށް އެއް ފެންވަރެއްގައި އެޓީމްގެ ކުޅުން ހިފަހައްޓާލެވޭގޮތެއް ނުވިއެވެ. ނަމަވެސް މެޗަކަށް ފަހު މެޗެއް އެޓީމްގެ ކުޅުން ރަގަޅުވަމުން ދިޔަކަން ފާހަގަކޮށްލެވެއެވެ.

މާދަމާރޭ މެޗަަށް ނިކުންނައިރު ދެޓީމްގެ ފޯމަށް ބަލާއިރު ތަފާތުތަކެއް ހުރިކަން ފާހަގަކޮށްލެވެއެވެ. މިގޮތުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް މިމެޗަށް ނިކުންނަނީ ޖެހިޖެހިގެން ތިންވަނަ މެޗުގައި އަމިއްލަ ދަނޑުގައި ބަލި ނުވުމުގެ އަޒުމުގައެވެ. ވޭތިވެދިޔަ ހަތަރު ވަރަކަށް އަހަރު އެންފީލްޑްގައި ކުޅޭ އެއްވެސް މެޗަކުން ބަލިނުވާ ލިވަޕޫލް ވަނީ އެޓީމް އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ދެމެޗުންވެސް ބަލިވެެފައެވެ. އަދި އެންމެ ފަހުން އެންފީލްޑްގައި ކުޅުނު ތިން މެޗްގައި އެޓީމަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އަދި 2021 ވަނަ އަހަރު އަމިއްލަ ދަނޑުގައި ލަނޑެއް ކާމިޔާބު ނުކުރެވޭ ހަމައެކަނި ޓީމަކީ ލިވަޕޫލެވެ. ލިވަޕޫލްގެ ފޯމަށް މިހާބޮޑު ބަދަލެއް އައުމުގައި އެޓީމުގެ ޑިފެންސަށް ކުރިމަތިވެފައިވާ އަނިޔާގެ މައްސަލަތަކުގެ އިތުރުން އެޓީމްގެ ފޯވަޑް ލައިނަށް ފަހަކަށް އައިސް ރަނގަޅަށް ނުކުޅެވުން ހިމެނެއެވެ. ދޭތުވެދިޔަ ދެސީޒަންގައި އިދިކޮޅު ޓީމްތަކުން އެންމެ ޖެހިލުންވި ފޯވަޑް ލައިނެއް އޮތް ލިވަޕޫލަށް އެޓީމް އެންމެ ފަހުން ކުޅުނު މެޗްގައި ބްރައިޓަންގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ. މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ޔަރގަން ކްލޮޕް ވަނީ އޭނާގެ ކުޅުންތެރިންނަށް ރަނގަޅަށް ރެސްޓު ކުރާނެ ވަގުތު ނުވާތީ މެޗްތަކުގައި ވަރުބަލިކަން އިހްސާސް ކުރެވެމުންދާކަން ފާހަގަކޮށްފައެވެ. އަދި ގާތްގާތުގައި ގިނަ މެޗްތަކެއް ކުޅެން ޖެހުމުގެ ސަބަބުން އޭނާގެ ކުޅުންތެރިންނަށް މެޗްތަކުގައި ރަނގަޅަށް ނުކުޅެވޭކަމަށްވެސް އޭނާ ހަމަކޮށްފައިވެއެވެ.

ސިޓީ ގެ ފޯމަށް ބަލާއިރު މިވަގުތު ޕްރިމިއަރ ލީގުގައި އެޓީމަށްވުރެ ރަނގަޅު ފޯމެއްގައި އޮތް އެހެން ޓީމެއް ނެތެވެ. އަދި މިމެޗަށް ސިޓީ ނިކުންނަނީ ޖެހިޖެހިގެން 14 ވަނަ މެޗުން މޮޅުވުމުގެ އުންމީދާއެކުއެވެ. އަދި އެޓީމް ޕްރިމިއަރ ލީގުގައި އެންމެފަހުން ކުޅުުނު 6 މެޗްގައި ބައިކޮޅަށް ލަނޑެއް ނަދެފައެއް ނުވެއެވެ. މިސީޒަންގައި އެހެން ސީޒަން ތަކެކޭ އެއްގޮތަށް ސިޓީއަށް މާގިނަ ލަނޑު ތަކެއް ނުޖެހުނު ނަމަވެސް އެޓީމްގެ ޑިފެންސްވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އަދި ހާއްސަކޮށް ސިޓީއާ މިސީޒަންގައި އަލަށް ގުޅުނު ރުބެން ޑިއާސް އާއި ޖޯން ސްޓޯންގެ ޕާޓްނަރޝިޕަށް ގިނަ ބައެއްގެ ތައުރީފްއަންނަނީ ލިބެމުންނެވެ. ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ހާމަކުރިގޮތުގައި އޭނާގެ ޓީމް މިމެޗަށް ނިކުންނާނީ މެޗް ކަމިޔާބުކޮށް ތިން ޕޮއިންޓް ހޯދުމުގެ އަޒުމުގައެވެ.
ފޯމަށް ބަލާއިރު ސިޓީ ކޮޅަށް މިވަގުތު ބުރަވި ނަމަވެސް އެންފީލްޑަކީ ސިޓީއަށް މާ ކާމިޔާބު ދަނޑެއް ނޫނެވެ. މިގޮތުން މިދެޓީމް އެންފީލްޑްގައި އެންމެފަހުން ކުޅުނު 17 މެޗުންވެސް ސިޓީއަށް ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. މިގޮތުން 12 ފަހަރު ލިވަޕޫލް މޮޅުވެފައިވާއިރު ފަސް ފަހަރު ނިމިފައިވަނި އެއްވަރު ވެގެންނެވެ. އެންމެފަހުން ލިވަޕޫލްގެ ކުޅުންތެރިންނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ފަހަރު ޖެހިގެން އައި މެޗްގައި ޓޮޓްނަމް ހޮޓްސްޕަރއާއެކު ކުޅެ 3 ލަނޑު އެއްލަނޑުން ވަނީ މެޗް ކާމިޔާބުކޮށްފައެވެ. އެހެންކަމުން މިމެޗްގައި އަނެއްކާވެސް ލިވަޕޫލްގެ މޮޅު ކުޅުންް ފެނިގެން ހިނގައިދާނެކަމަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ. އަދި އެހެން ވެއްޖެނަމަ ކުރީ ދެއަހަރެކޭ އެއްގޮތަށް ފޯރިގަދަ ވަރުގަދަ ކުރިމަތިލުމެއް މިދެޓީމްގެ ފަރާތުން ފެނިގެންދާނެއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މާދަމާ ރޭ ނުވަގަދި ތިރީހުގައެވެ.