ސިއްހަތު

ހެލްތް ސެންޓަރ މަރާމާތުކުރުމުގެ 4 ޕްރޮޖެކްޓެއްގައި ސޮއިކޮށްފި


ސިއްޙީ ހިދުމަތްދޭ ތަންތަން އާބާތުރަ ފިލުވުމުގެ މަޝްރޫއުގެ ދަށުން  4 ރަށެއްގެ ޕްރޮޖެކްޓެއްގެ މަސައްކަތް މިއަދު ހަވާލުކޮށްފިއެވެ.ހެލްތް މިނިސްޓްރީގައި ކުރިޔަށްގެންދިޔަ މި ރަސްމިޔާތުގައި ސޮއިކޮށްފައިވާ ޕްރޮޖެކްޓަކީ ރ އަތޮޅު މީދޫ ހެލްތް ސެންޓަރ މަރާމާތު ކުރުމާއި ހދ ނޮޅިވަރަމް ހެލްތް ސެންޓަގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތާއި ތ އަތޮޅު މަޑިފުށީ ސިއްހީ މަރުކަޒުގެ މަސައްކަތުގެ އިތުރުން ށ ފޯކައިދޫ ސިއްހީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތެވެ. މި 4 ޕްރޮޖެކްޓަށް 3މިލިޔަން 9 ލައްކައަށް ވުރެެ ގިނަ ރުފިޔާ ދައުލަތުގެ މާލިއްޔާއިން ޙަރަދުވާނެކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ. މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި ޕްރޮޖެކްޓްތަކުގައި ހެލްްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމްއެވެ.މި ރަސްމިޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ ވިދާޅުވީ ސިއްހީ ހިދުމަތް ދޭ ތަންތަން ރަނގަޅުކޮށް ދެވޭހިދުމަތް ފުރިހަމަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 84 ޕްރޮޖެކްޓެއްގެ މަސައްކަތް ނިންމާފައިވާކަމަށެވެ. އަދި މި މަސައްކަތްތަކަށް 42 މިލިޔަން ރުފިޔާ ދައުލަތުގެ މާލިއްޔާއިން ހަރަދުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމަށްޓަކައި ޖުމުލަ 300 މިލިޔަން ދިވެހި ރުފިޔާ ދައުލަތުގެ މާލިއްޔާއިން ޙަރަދު ވާނެކަމަށެވެ.ދ.މީދު ހެލްތް ސެންޓަރ މަރާމާތުކުރުމަށް ހަވާލުކޮށްފައި ވަނީ ހަވާ ވުޑް ވާރކްސް ޕްރައިވެޓް ލިމިޓެޑަށެވެ. އަދި ހދ.ނޮޅިވަރަމް ހެލްތް ސެންޓަރގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ނިންމުމަށް ހަވާލުކުރެވިފައި ވަނީ ޓްރައިކޯ އިންވެސްޓްމެންޓަށެވެ. ތ އަތޮޅު މަޑިފުށީ ސިއްހީ މަރުކަޒުގައި ކުރަން ހުރިމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އައި.އެސް.އެފް ކޮންސްޓްރަކްޝަނަށެވެ. އަދި ށ.ފޯކައިދޫ ސިއްހީ މަރުކަޒު މަރާމާތުކޮށް ނިންމުމަށް ހާވާލުކޮށްފައިވަނީ ނިޝާން ކޮންސްޓްރަކްޝަން ކޮމްޕެނީޕްރައިވެޓް ލިމިޓެޑަށެވެ.