ޔުއޭފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޖަރުމަނު ބުންޑަސްލީގާގެ އާރް.ބީ. ލިޕްޒިގާއި ދެކޮޅަށް ޖަރުމަނުވިލާތުގައި ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ ލެގްގެ މެޗަށް ކޮރޯނާ ވައިރަހުގެ ސަބަބުން ލިވަޕޫލަށް ދަތުރު ނުކުރެވޭނެކަން ހާމަވެއްޖެއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
ޖަރުމަނުވިލާތުންވަނީ ކޮރޯނާ ވައިރަހުގެ އާވޭރިއަންޓް ހަލުވިކަމާއެކު ފެރުރެމުންދާ ޤައުމުތަކުން މީހުން އެޤައުމަށް ދިއުން މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް މަނާކޮށްފައެވެ. މި ލިސްޓްގައި އިނގިރޭސިވިލާތްވެސް ހިމެނެއެވެ. ޖަރުމަނު ދާހިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާގޮތުގައި ބުންޑަސްލީގާގެ ކްލަބް ލިޕްޒިގް ޗެމްޕިއަންސް ލީގުގައި ކުޅޭ މެޗް އެޤައުމުން ހާއްސަ ދަރަޖަދޭންޖެހޭ މިންގަނޑުތަކަށް ނުފެތޭކަމަށެވެ. ޔުއޭފާއިން ހާމަކުރިގޮތުގައި މިމެޗްގެ ކަންތަކުގައި އެފަރާތުން އަންނަނީ ދެ ކްލަބާއެކުވެސް މިހާރު ވާހަކަ ދައްކަމުންނެވެ.
ޔުއޭފާއިން ވަރަށް ފަހުން ވަނީ ޗެމްޕިަންސް ލީގާއި ޔޫރޮޕާ ލީގުގެ ނޮކްއައުޓް ސްޓޭޖްގެ އުސޫލްތަކަށް ކޮރޯނާ ވައިރަހާހެދި ބަދަލު ގެނެސްފައެވެ. މިގޮތުން ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ޤައުމަކުން ކޮރޯނާ ވައިރަހާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މެޗެއް ނުކުޅެވޭ ހާލަތެއް ކުރިމަތިވެއްޖެނަމަ ރަށު ޓީމުން އެމެޗް ކުޅޭނެ އެހެން ދަނޑެއް ހުށަހަޅަންޖެހެއެވެ. އެއީ މެޗްގައި ކުޅޭ ދެޓީމް ނިސްބަތް ނުވާ ނިއުޓްރަލް ޤައުމަކަށްވެސް ހެދިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މެޗް ނުކުޅެވޭ ހާލަތުގައި ރަށު ޓީމުން މެޗް ކުޅެވޭނެ އެހެން ދަނޑެއް ދައްކާ ނުވަތަ މެޗް ކުޅޭނެ އެހެން ތާރީހަކަށް އެއްބަސް ނުވެވިއްޖެނަމަ އެމެޗުން ރަށު ޓީމް 3 ލަނޑު ސުންލަނޑުގެ ނަތީޖާއަކުން ބަލިވީކަމަށް ނިންމާނެއެވެ.
ޖަރުމަނުވިލާތުން އަޅާފައިވާ ފިޔަވަޅުތައް އަދި އޮތީ މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް ކަމަށްވާތީ ފުރަތަމަ ލެގްގެ މެޗް ލިވަޕޫލްގެ ދަނޑުގައި ކުޅެ ދެވަނަ ލެގްގެ މެޗް ލިޕްޒިގްގެ ދަނޑަށް ބަދަލު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ބައެއް ފަރަތްތަކުން ހާމަކުރެއެވެ. އެއީ ދެވަނަ ލެގްގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 10 ވަނަ ދުވަހު ކަމަށް ވާތީއެވެ. މިމެޗް ކުޅޭނެ ތަނެއް ވަރަށް އަވަހަށް ދެ ކްލަބާއި ވަހަކަ ދައްކައިގެން ޔުއޭފާއިން ނިންމާނެކަމަށް ބެލެވެއެވެ.