މޮޑާނާއިން އުފައްދާފައިވާ ކޯވިޑް-19 ވެކްސިން ބޭނުންކުރުމުގެ ހުއްދަ ސިންގަޕޫރުން ދީފިއެވެ. އެއާއެކު އެ ޤައުމު ވެގެންގޮސްފައި މިވަނީ މޮޑާނާގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަދިން ފުރަތަމަ އޭޝިޔާގެ ޤައުމަށެވެ. މީގެ ކުރިން މޮޑާނާގެ ވެކްސިނަށް ވިލާތާއި އެމެރިކާއާއި ކެނޭޑާއިންވަނީ ހުއްދަދީފައެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ސިންގަޕޫރުންވަނީ ފައިޒާއާއި ބަޔޯއެންޓެކުގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައެވެ. މޮޑާނާގެ ވެކްސިނަށް ހުއްދަ ދިނުމާއިއެކު ކުރިއަށްއޮތް މާރޗު މަހުގެ ތެރޭގައި އެ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓު އެ ޤައުމަށް ފޯރާނެކަމަށް ބެލެވެއެވެ.
ސިންގަޕޫރުގައި މިހާތަނަށް 175،000އަށްވުރެ ގިނަ މީހުންނަށްވަނީ ކޯވިޑް-19 ދީފައެވެ. އޭގެ ތެރޭގައި ޞިއްޙީ ޚިދުމަތްތެރިންނާއި އެއާލައިންތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނެއެވެ. ސިންގަޕޫރުގައި ވެކްސިން ދޭން ފެށުމުން އެންމެ ފުރަތަމަ ވެކްސިން ޖެއްސެވި ބޭފުޅުންގެ ތެރޭގައި އެ ޤައުމުގެ ބޮޑުވަޒީރު، ލީ ސިއެން ލޫންގް ހިމެނިވަޑައިގަންނަވައެވެ. އެ ޤައުމުގެ އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ދިނުމަށް ތައްޔާރުވުމުގެ ގޮތުން އެ ޤައުމްވަނީ ޚާއްޞަ ވެކްސިން ސެންޓަރުތައް ޤާއިމްކޮށްފައެވެ.
މިއަހަރުގެ ތިންވަނަ ކުއާޓާގެ ތެރޭގައި ސިންގަޕޫރުގެ އާބާދީއަށް ވެކްސިން ދެވޭނެކަމަށް ސިންގަޕޫރުން އުންމީދުކުރެއެވެ. ނަމަވެސް މިދިޔަ މަހުގެ ތެރޭގައި އެ ޤައުމުގެ ސަރުކާރުންވަނީ ފައިޒާގެ ވެކްސިން އުފައްދާ މެނުފެކްޗަރިންގ ޕުލާންޓުގައި މަސައްކަތްތަކެއް ކުރިއަށް ގެންދާތީ ފައިޒާގެ ވެކްސިން އެ ޤައުމަށް ގެނައުމުގައި ލަސްތަކެއް ކުރިމަތިވުން އެކަށީގެންވާކަމަށް ބުނެފައެވެ.
ފައިޒާއާއި މޮޑާނާގެ ވެކްސިންގެ އިތުރުން ކާމިޔާބުކަމަށް ބެލެވޭ އެހެން ބައެއް ވެކްސިން ގަތުމަށް ސިންގަޕޫރުގެ ސަރުކާރުންވަނީ އެއްބަސްވުންތަކުގައި ސޮއިކޮށް ދުރާލާ ޑައުންޕޭމަންޓުތައް ދައްކާފައެވެ. އޭގެ ތެރޭގައި ޗައިނާގެ ސިނޯވެކްވެސް ހިމެނެއެވެ. ސިންގަޕޫރުގައި ކޯވިޑް-19 ވެކްސިން ޖެހުމަކީ މަޖުބޫރުކަމެއް ނޫނެވެ. އެ ޤައުމުގައި ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދެމުންދަނީ ސަރުކާރުގެ ޚަރަދުގައެވެ.
ސިންގަޕޫރުގައި މިހާތަނަށް 59،602 މީހުންނަށް ކޯވިޑް-19ޖެހި 29 މީހުންވަނީ މަރުވެފައެވެ. ފާއިތުވި މަސްތަކުގައި އެ ޤައުމުގައި އަލަށް ބަލިޖެހެމުންދަނީ ވަރަށް މަދު ޢަދަދެއްގެ މީހުންނަށެވެ.