ފަލަސްޠީނުގައި ކޯވިޑް-19 ވެކްސިން ދޭން ފަށައިފިއެވެ.
ފަލަސްޠީނުގައި ކޯވިޑް-19އާއި ދެކޮޅަށް ވެކްސިން ދިނުމުގެ ހަރަކާތް ފަށާފައިވަނީ ފެބްރުއަރީ މަހުގެ 3ވަނަ ދުވަހުގައެވެ. އެ ޤައުމުގައި އެންމެ ފުރަތަމަ ވެކްސިން ދެމުންދަނީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.
ފަލަސްޠީނުގައި ވެކްސިން ދޭން ފަށާފައިވަނީ ފަލަސްތީނިއަން އޮތޯރިޓީ (ޕީއޭ) މަރުކަޒުވެފައިވާ ހުޅަނގު އައްސޭރީގެ ސިޓީއެއްކަމުގައިވާ ރައްމަﷲގައެވެ. އެ ސިޓީގައި ހުންނަ ހޫގޯ ޝަވޭޒް ހަސްފަތާލުގައި ކޯވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ޙަރަކާތްތެރިވާ ޞިއްޙީ މަސައްކަތްތެރިންނާއި އައިސީޔޫތަކުގައި މަސައްކަތްކުރާ ފަރާތްތަކަށްވަނީ ވެކްސިން ދީފައެވެ.
ހޫގޯ ޝަވޭޒް ހަސްފަތާލުގެ ޑިރެކްޓަރު، ބާސިލް ބަވަތްނާހު ވިދާޅުވީ ވައިރަހާއި ދެކޮޅަށް ވެކްސިން ދޭން ފެށުމަކީ ކުރިއަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށާއި، ކޯވިޑް-19 ޖެހިފައިވާ ބަލިމީހުންނަށް ފަރުވާދިނުމުގައި އެންމެ ގާތުން މަސައްކަތްކުރާ، އަދި ބަލިޖެހުމުގެ ފުރުޞަތު ބޮޑު ޞިއްޙީ ޚިދުމަތްތެރިންނަށް ބައްޔާއި ދެކޮޅަށް ރައްކާތެރިކަން ދޭންޖެހޭކަމަށެވެ. ފަލަސްޠީނުގެ ޞިއްޙަތާއިބެހޭ ވަޒީރު، މައި އަލްކައިލާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރަޝިޔާއިން އުފައްދާފައިވާ ސްޕަޓްނިކް-5ގެ ވެކްސިންގެ 5،000 ޑޯޒާއި ޑަބްލިއުއެޗުއޯއިން އިސްވެ ހިންގާ ކޯވެކްސް މަޝްރޫޢުގެ ދަށުން ވެކްސިންގެ 37،000 ޑޯޒް އެ ޤައުމަށް ލިބޭނެކަމަށެވެ. އޭގެ ތެރެއިން އެއްބައި ޑޯޒް ފޮނުވުމަށް ހަމަޖެހިފައިވަނީ ޣައްޒާ ސްޓްރިޕަށްކަމަށް އޭނާ ވިދާޅުވިއެވެ. ޣައްޒާ ސްޓްރިޕް އޮންނަނީ ހަމާސް ޖަމާޢަތުގެ ބާރުގެ ދަށުގައެވެ.
އަލްކައިލާ ވިދާޅުވީ ފަލަސްޠީނުގެ ސަރަޙައްދުތަކުގައި ކޯވިޑް-19 ވެކްސިން ދީ ނިންމުމަށް އެތައް މަހެއް ނަގާނެކަމަށެވެ. އާންމުންނަށް ވެކްސިން ދޭން ފެށުމުން އެންމެ އިސްކަމެއް ދޭނީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ދިގު މުއްދަތަށް ފަރުވާކުރަންޖެހޭ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް ވެކްސިން ދިނުމަށްކަމަށް އަލްކައިލާ ވިދާޅުވިއެވެ.
ފަލަސްޠީނުގައި މިހާތަނަށް 159،956 މީހުންނަށް ކޯވިޑް-19ޖެހި 1،849 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް އެ ޤައުމުގައި 513 މީހުންނަށް ބަލިޖެހި ނުވަ މީހުންވަނީ މަރުވެފައެވެ.