ކުޅިވަރު

ބޮޑު މޮޅަކާއެކު މާޒިޔާއިން ލީޑް ފުޅާކޮށްފި


ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުން އައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 5-0 އިން މާޒިޔާ ކުރި ހޯދައިފިއެވެ.

މާޒިޔާ އިން ލީޑުނެގީ މެޗުގެ އަށް ވަނަ މިނިޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ގޯލުންނެވެ. އައިސަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ހަމްޕު ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަ ގްރާންޑޭގެ ކީޕަރު އިޔާން އަބްދުލް އަލީމް (ޗިކީ) އަތުގައި ޖެހިފައެވެ. މާޒިޔާ އިން ލީޑުފުޅާކުރީ މެޗުގެ 31 ވަނަ މިނިޓްގައެވެ. ހަމްޕު ތިރިތިރިން ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފައެވެ.

އޭގެ ފަހުން ހާފު މެދުތެރެއިން ހަމްޕު ޖެހި ބާރު ބޯޅަ ހިފަން އުޅުމުގެ ތެރޭގައި ކީޕަރު އިޔާން އަތުގައި ޖެހިފައި އެ ބޯޅަ ވެއްޓުނީ ގޯލު ތެރެއަށެވެ. މާޒިޔާގެ ހަތަރު ވަނަ ގޯލު ޖެހި މެޗުގެ 57 ވަނަ މިނިޓްގައި ހުސެއިން ނިހާން (ނިހާޓް) އެވެ. އޭރިއާތެރެއިން ލިބުނު ބޯޅަ ނިހާޓް ވަނީ ފަސޭހައިން ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

އޭގެ ފަހުން އޭގެ 10 މިނިޓް ފަހުން ކޯނޭ ވަނީ ދަ ގްރާންޑޭ ޑިފެންޑަރުންނާއި ކީޕަރު އިޔާނަށް ލިބުމުގެ ކުރިން ބޯޅަ ހޯދައި މާޒިޔާ އަށް ފަސް ވަނަ ގޯލެއް ޖަހައިދީފައެވެ. މި މޮޅާ އެކު ލީގުގެ އެއް ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާއިން ވަނީ ހަ ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ.

ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ ނުވަ މެޗުން 21 ޕޮއިންޓާ އެކުގައެވެ. ދެ ވަނައިގައި އޮތީ ވެލެންސިއާ އެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އާއި ތިން ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ނުވަ މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.