ކުޅިވަރު

ވުލްވަރހެމްޓަން އާއި އާސެނަލްގެ މެޗް ވުލްވްސް ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ވުލްވަރހެމްޓަން ވޮންޑަރަރސް އާއި އާސެނަލް ބައްދަލުކުރިމެޗް ވުލްވްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ވުލްވްސް ކާމިޔާބުކުރީ ފަހަތުން އަރާ 2 ލަނޑު އެއް ލަނޑުންނެވެ.

މިމެޗްގައި އާސެނަލްގެ ދެ ކުޅުންތެރިންނަށް ރަތް ކާޑު ދެއްކުމުގެ ސަބަބުން އެޓީމް މެޗް ނިންމާލީ 9 ކުޅުންތެރިންނާއެކުއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި އާސެނަލްއިންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މިހާފްގައި އާސެނަލްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނުކަން ފާހަގަކޮށްލެވެއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 32 ވަނަ މިނެޓްގައި ޖަހާ އާސެނަލްއަށް ލީޑު ނަގާދިނީ ނިކޮލަސް ޕެޕޭއެވެ. ނަމަވެސް ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައި އާސެނަލްގެ ޑޭވިޑް ލުއިޒް އެޓީމްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ވުލްވްސްގެ ވިލިއަމް ހޯސޭއަށް ފައުލް ކުރުމުން ރެފްރީވަނީ އެޓީމަށް ޕެނަލްޓީއެއް ދީ ލުއިޒްއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީ ރުބެން ނެވޭސްއެވެ.

އަދި ދެވަނަ ހާފް ފެށިތާ ހަތަރުވަނަ މިނެޓްގައި ޖާއޮ މޯޓީނިއޯވަނީ ލަނޑެއް ޖަހާ ވުލްވްސްއަށް މިމެޗްގައި ލީޑު ނަގާދީފައެވެ. މިމެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް އާސެނަލްއިން މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެމަސައްކަތަށް އިތުރަށް ހުރަސް އެޅުނީ މެޗްގެ 72 ވަނަ މިނެޓްގައި އެޓީމްގެ ކީޕަރ ބަރންޑް ލެނޯ ޕެނަލްޓީ އޭރިޔާ ބޭރުން ބޯޅައިގާ އަތް ލުމުގެ ސަބަބުން ރެފްރީ އޭނާއަށް ރަތްކާޑު ދެއްކުމުންނެވެ.

މިއީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ޗެލްސީއާއެކު ކުޅެ މޮޅުވި މެޗަށްފަހު ޕްރިމިއަރ ލީގުގައި ވުލްވްސް މޮޅުވި ފުރަތަމަ މެޗެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ވުލްވްސްގެ ކޯޗު ނޫނޯ އެސްޕިރިޓޯ ސަންޓޯ ހާމަކުރިގޮތުގައި މެޗްގެ ހުރިހާ ކަމެއް ބަދަލުވީ ޕެނަލްޓީ އާއި ހިސާބުންނެވެ. އަދި އެވަގުތު ރެފްރީއަށް ޕެނަލްޓީއެއް ދީ ލުއިޒް އަށް ރަތް ކާޑު ދެއްކުން ނޫން އެހެން ގޮތެއް ނޯށްނާނެކަމަށް ވެސް އޭނާ ހާމަކުރިއެވެ.

އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ހާމަކުރިގޮތުގައި މެޗަށްފަހު ލުއިޒް ކުރި ފައުލްގައި ކޮންޓެކްޓް ވަނީ ކޮންތާކުންތޯ އޭނާ ތަފާތު 10 އެންގަލުން ބެލިކަމަށާއި ނަމަވެސް ޖެހެނީ ކޮންތާކު ކަމެއް ނުފެނުނު ކަމަށެވެ. އަދި އެރަތް ކާޑަށް އެޕީލް ކުރާނެ ކަމުގެ އިށާރާތެއްވެސް އާޓެޓާ ދިނެވެ.

މި ނާކާމިޔާބީއާއެކު އާސެނަލް މިހާރު އުޅެނީ 22 މެޗުން ލިބިފައިވާ 31 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ. އަދި ވުލްވްސް އުޅެނީ 22 މެޗުން ލިބިފައިވާ 26 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.