ކުޅިވަރު

މެންޗެސްޓަރއިން ސަދެމްޓަން 9 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ސަދެމްޓަން ބައްދަލުކުރިމެޗް ތަފާތު ބޮޑު ނަތީޖާއަކުން މެންޗެސްޓަރ ކާމިޔާބުކޮށްފިއެވެ. މެންޗެސްޓަރގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 9 ލަނޑު ސުންލަނޑުންނެވެ. މިއީ ޕްރިމިއަރ ލީގުގައި އެެއް މެޗެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑް އަދެދެވެ.

ދެޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދާނެ ކަމަށް ހީކުރެވުނު މިމެޗް މެންޗެސްޓަރ ކޮޅަށް އެހާބޮޑަށް އެނބުރެއް ދިމާވި އެއް ސަބަބަކަށްވީ ސަދެމްޓަންގެ ޒުވާން ކުޅުންތެރިޔާ އެލްގްޒެންޑަރ ޔަންކަވިޓްޒަށް މެޗްގެ ދެވަނަ މިނެޓަގައި ދެއްކި ރަތް ކާޑެވެ. ޕްރމިއަރ ލީގުގެ މެޗެއްގައި ފުރަތަމަ އެގާރައިގާ ހިމެނިގެން ކުޅެން ނިކުން ޔަންކަވިޓްޒްއަށް ސީދާ ރަތްކާޑު ދެއްކީ ސްކޮޓް މެކްޓޮމިނޭއަށް ކުރި ނުރައްކާތެރި ފައުލެއްގެ ސަބަބުންނެވެ.

އެކަކު މަދުން ކުޅެމުންދިޔަ ސަދެމްޓަންއަށް މެންޗެސްޓަރއަށް ލަނޑެއް ޖެހުނަ ނުދީ ހިފަހައްޓާލެވުނީ 18 މިނެޓް ވަންދެނެވެ. މިގޮތުން މެންޗެސްޓަރގެ ފުރަތަމަ ލަނޑު މެޗްގެ 18 ވަނަ މިނެޓްގައި ޖަހައިދިނީ އާރޮން ވެން ބިސާކާއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން މެންޗެސްޓަރއިން އިތުރު ތިން ލަނޑު ޖަހައި ހަތަރު ގޯލްގެ ލީޑެއް ނެގިއެވެ. މިގޮތުން މެޗްގެ 25 ވަނަ މިނެޓްގައި މާކަސް ރަޝްފަޑް އެޓީމްގެ ދެވަނަ ލަނޑު ޖަހައިދިންއިރު މެންޗެސްޓަރގެ ތިންވަނަ ލަނޑަކީ ސަދެމްޓަންގެ ޔާން ބެޑްނަރެކްއަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ހަތަރުވަނަ ލަނޑު މެޗްގެ 39 ވަނަ މިނެޓްގައި ޖަހައިދިނީ އެޑިންސަން ކަވާނީއެވެ.
މިމެޗްގައި މެންޗެސްޓަރގެ ފަސްވަނަ ލަނޑު މެޗްގެ 69 ވަނަ މިނެޓްގައި އެންތަނީ މާޝިއަލް ކާމިޔާބުކޮށްދިން އިރު އެޓީމްގެ ހަވަނަ ލަނޑު ޖަހައިދިނީ 71 ވަނަ މިނެޓްގައި މެކްޓޮމިނޭއެވެ. މެންޗެސްޓަރގެ ހަތްވަނަ ލަނޑަކީ މެޗްގެ 87 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭޒް ކަމިޔާބުކޮށްދިން ލަނޑެކެވެ. މި ޕެނަލްޓީ މެންޗެސްޓަރއަށް ލިބުނީ ސަދެމްޓަންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބެޑްނަރެކް މާޝިއަލްއަށް ފައުލް ކުރުމުންނެވެ.

ބެޑްނަރެކް މަޝިއަލްއަށް ކުރި ފައުލްއާ ގުޅިގެން ބެޑްނަރެކްއަށް ރާތް ކާޑު ދެއްކުމާއެކު ސަދެމްޓަން މިމެޗް ނިންމާލީ 9 ކުޅުންތެރިންނާއެކުއެވެ. އަދި މެޗްގެ 90 ވަނަ މިނެޓްގައި މާޝިއަލް މެންޗެސްޓަރގެ 8 ވަނަ ލަނޑު ކާމިޔާބުކޮށްދިން އިރު އެޓީމްގެ ފަހު ލަނޑު މެޗްގެ އިތުރުވަގުތުގައި ޖަހައިދިނީ ޖޭމްސްއެވެ.
މިއީ ސަދެމްޓަން 9 ލަނޑު ސުންލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި ދެވަނަ ފަހަރެވެ. 2019 ވަނަ އަހަރު ސަދެމްޓަންވަނީ އަމިއްލަ ދަނޑުގައި ލެސްޓަރ ސިޓީއަތުން ހަމަ މި ނަތީޖާއިން ބަލިވެފައެވެ.

މިކާމިޔާބީއާއެކު މެންޗެސްޓަރ މިހާރުވަނީ ޕޮއިންޓްގެ ގޮތުން ތާވަލްގެ އެއްވަނައިގައި އުޅޭ މެންޗެސްޓަރ ސިޓީއާ އަރާ ހަމަކޮށްފައެވެ. އެއީ ކުޅުނު 22 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ. ސިޓީއަށް މިވަގުތު ކުރި ލިބިފައިވަނީ ފައިދާ ގޯލުންނެވެ. ނަމަވެސް ސިޓީ ވަނީ ޔުނައިޓެޑަށް ވުރެ ދެމެޗް މަދުން ކުޅެފައެވެ. މިމެޗުން ބަލިވުމުން ސަދެމްޓަންވަނީ 21 މެޗުން ލިބިފައިވާ 29 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައަށް ފަހަތަށް ޖެހިލާފައެވެ.