ކުޅިވަރު

ފެޑެރަރ އަލުން ކޯޓަށް އެނބުރި އަންނަން މަސައްކަތް ކުރަނީ


ދުނިޔޭގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ޓެނިސް ކުޅުންތެރިޔާ ކަމުގައިވާ ރޮޖަރ ފެޑެރަރ އަލުން ކުޅުމުގެ ތެރެއަށް މިއަންނަ މާރޗް މަހުގެ ތެރޭ އާދެވޭތޯ މަސައްކަތް ކުރަމުންދާ ކަމުގައި އޭނާ ހާމަކޮށްފިއެވެ. ގްރޭން ސްލޭމް 20 މުބާރާތް ކާމިޔާބުކޮށްފައިވާ ފެޑެރަރ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުމާދުރުގަ ހުންނަތާ ވަރަށް ދުވަސް ވެއްޖެއެވެ.

ފެޑެރަރ އެންމެފަހުން ކުޅެފައިވަނީ މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލްގައި ނޯވަކް ޖޯކޮވިޗްއަތުން ބަލިވި މެޗްގައެވެ. އަދި މިފަހަރުގެ އޮސްޓްރޭލިއަން އޯޕަންއަކީ ފެޑެރަރގެ ކެރިއަރގައިވެސް އެމުބާރާތުގައި ވާދަ ނުކުރާ ފުރަތަމަ ފަހަރެވެ. ފެޑެރަރ ހާމަކުރިގޮތުގައި އޭނާ އަލުން މުހިންމު ކާމިޔާބީތައް ހޯދަން ބޭނުންވާ ކަމަށާއި އަދި އެކަމަށްޓަކައި ގިނަ މަސައްކަތް ތަކެއް ކުރަން މިހާރު ތައްޔާރު ކަމަށެވެ.
ފެޑެރަރ އެނބުރި ކުޅުމުގެ ތެރެއަށް އަންނަން މަސައްކަތް ކުރަމުންދަނީ މާރޗް މަހުގެ 8 އިން 13 އަށް ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވުމަށް ހަމަޖެހިފައިވާ ގަތަރު އޯޕަން ޓެނިސް މުބާރާތުގައެވެ. ފެޑެރަރ ހާމަކުރިގޮތުގައި އޭނާ މިއަހަރު އަމާޒު ހިފާފައިވަނީ ވިންބަލްޑަން ޓެނިސް މުބާރާތުގެ އިތުރުން އޮލިމްޕިކް ގޭމްސްއަށެވެ. ފެޑެރަރވަނ ވިމްބަލްޑަން މުބާރާތް 8 ފަހަރު ކާމިޔާބުކޮށްފައެވެ. އަދި 2012 ވަނަ އަހަރު ލަންޑަންގައި ބޭއްވި އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ޓެނިސް އިވެންޓުން ރިހިމެޑަލްވެސް ފެޑެރަރ ހޯދާފައިވެއެވެ.