ކުޅިވަރު

އިންޓަރ މިލާންގެ މައްޗަށް ޔުވެންޓަސް ކުރިހޯދައިފި


ކޮޕާ އިޓާލިއާގެ ސެމީފައިނަލްގައި އިންޓަރ މިލާނާއި ޔުވެންޓަސް ބައްދަލުކުރި ފުރަތަމަ ލެގްގެ މެޗް ޔޫވެންޓަސްއިން ކާމިޔާބުކޮށްފިއެވެ. މިލާންގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗް ޔޫވެންޓަސްއިން ކާމިޔާބުކުރީ ފަހަތުން އަރައި 2 ލަނޑު އެއް ލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗްގެ 9 ވަނަ މިނެޓްގައި އިންޓަރ އިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އާޖެންޓީނާގެ ފޯވަޑް ލައުޓާރޯ މާޓިނޭޒްއެވެ. މިމެޗްގައި ޔޫވޭގެ ގޯލް ބަލަހައްޓަމުން ދިޔައީ ތަޖްރިބާކާރު ކުޅުންތެރިޔާ ޖިއާންލުއިޖީ ބޫފޯންއެވެ. އަދި މިއީ އޭނާ ކުޅުނު އެއްހާސް އެއްސަތޭކަ ވަނަ ސީނިއަރ މެޗެވެ. މިމެޗްގެ ނަތީޖާ ޔޫވޭއަށް ހަމަހަމަ ކޮސްދިނީ މެޗްގެ 26 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ އިންޓަރގެ އޭޝްލީ ޔަންގ ޔޫވޭގެ ހުއާން ކުއަޑްރާޑޯއަށް ޕެނަލްޓީ އޭރިޔާ ތެރެއިން ފައުލް ކުރުމުން ލިބުނު ޕެނަލްޓީއެކެވެ. އަދި މިމެޗުން ޔޫވޭ މޮޅުވި ލަނޑު މެޗްގެ 35 ވަނަ މިނެޓްގައި ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ރޮނާލްޑޯއެވެ.

ދެޓީމްގެ ދެމެދުގައި ކުޅޭ ސެމީފައިނަލްގެ ދެވަނަ ލެގްގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9 ވަނަ ދުވަހު ޔޫވޭގެ ދަނޑުގައެވެ. މި މުބާރާތުގެ ދެވަނަ ސެމީ ފައިނަލްގައި ބައްދަލުކުރަނީ އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ އާއި އެޓަލާންޓާއެވެ. މި ދެޓީމްގެ މެދުގައި ކުޅޭ ފުރަތަމަ ލެގްގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ދަންވަރެވެ.