ކުޅިވަރު

ނެޓްސް އާއި ކްލިޕަރސް ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ބްރޫކްލިން ނެޓްސް އާއި ލޮސް އެންޖަލިސް ކްލިޕަރސް ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ނެޓްސް ކާމިޔާބުކުރީ 124 ޕޮއިންޓް 120 ޕޮއިންޓުންނެވެ.

ވަރަށް ފޯރިގަދަ ކުޅުމެއް ދެޓީމްގެ ފަރާތުންވެސް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ކްއާޓަރގައި ރަނގަޅަށް ކުޅުނީ ކްލިޕަރސްއެވެ. މިގޮތުން މި ކްއާޓަރ ކްލިޕަރސް ނިންމާލީ 32 ޕޮއިންޓް 24 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ކްއާޓަރގައި ނެޓްސްއިން ވަނީ އެޓީމްގެ ކުޅުން ރަގަޅުކޮށް ދެވަނަ ކްއާޓަރ ނިމުނު އިރު ދެޓީމްގެ ފަރަގު އެންމެ ޕޮއިންޓަކަށް ކުޑަކޮށްފައެވެ. މިމެޗްގައި ނެޓްސްއަށް އެންމެ ރަގަޅު ކުޅުމެއް ދެއްކީ 39 ޕޮއިންޓް ހޯދައިދިން ކައިރީ އަރވިންގއެވެ. އަދި ކެވިން ޑުރާންޓް އެޓީމަށް 28 ޕޮއިންޓް ހޯދައިދިންއިރު ޖޭމްސް ހާޑެންވަނީ ނެޓްސްއަށް 23 ޕޮއިންޓް ހޯދައިދީފައެވެ. މި މެޗްގައި ކްލިޕަރސްއަށް އެންމެ ރަގަޅު ކުޅުމެއް ދެއްކީ 33 ޕޮއިންޓް ހޯދާދިން ކައުހީ ލިއޮނާރޑްއެވެ. އަދި ޕޯލް ޖޯޖުވަނީ އެޓީމަށް 26 ޕޮއިންޓް ހޯދައިދީފައެވެ.

މި މުބާރާތުގައި އިންޑިއާނާ ޕޭސަރސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރިމެޗް 134 ޕޮއިންޓް 116 ޕޮއިންޓުން ކާމިޔާބުކުރީ ޕޭސަރސްއެވެ. މިމެޗްގައި ޕޭސަރސްގެ ޑޮމަންޓާސް ސަބޮނިސްވަނީ އެޓީމަށް 32 ޕޮއިންޓް ހޯދައިދީފައެވެ. އަދި ގްރިޒްލީސްގެ ޑިލިއަން ބްރޫކްސްވަނީ އެޓީމަށް 25 ޕޮއިންޓް ހޯދައިދީފައެވެ.
މީގެއިތުރުން ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް އާއި ވޮޝިންޓަން ވިޒަޑްސް ބައްދަލުކުރިމެޗް 132 ޕޮއިންޓް 121 ޕޮއިންޓުން ޓެރެއިލް ބްލޭޒަރސް ކާމިޔާބުކުރިއިރު ޓޮރޮންޓޯ ރެޕްޓަރސް އާއި އޯލަންޑޯ މެޖިކް ބައްދަލުކުރިމެޗް 123 ޕޮއިންޓް 108 ޕޮއިންޓުން ކާމިޔާބުކުރީ ރެޕްޓަރސްއެވެ. މިމެޗްގައި ރެޕްޓަރސްގެ ފްރެޑް ވެންވްލީޓުވަނީ މުބާރާތުގެ ރިކޯޑެއް ކަމުގައިވާ 54 ޕޮއިންޓް އެޓީމަށް ހޯދައިދީފައެވެ.