ޚަބަރު

ކޯވިޑް-19 ޖެހިގެން ކެޕްޓަން ޓޮމް މަރުވެއްޖެ


އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސަސްއަށް ހަދިޔާކުރުމަށް 40 މިލިއަން އެމެރިކާ ޑޮލަރު އެއްކުރި އުމުރުން 100 އަހަރުގެ ކެޕްޓަން ޓޮމް މޯރ ކޯވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.

ކެޕްޓަން ޓޮމްއަށް ކޯވިޑް-19 ޖެހިފައިވަނީ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުގައެވެ. އިނގިރޭސިވިލާތުގެ ބެޑްފޯޑް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭނާ މަރުވީ ފެބްރުއަރީ މަހުގެ 2ވަނަ ދުވަހުގައެވެ. އޭނާގެ ޙާލަތު ގޯސްވީ ބަލީގެ ސަބަބުން ނިއުމޯނިއާ ޖެހިގެންނެވެ.

ކެޕްޓަން ޓޮމްގެ ޢާއިލާއިން ބުނީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ކެޕްޓަން ޓޮމްއަށް ތަފާތު އެކި ޞިއްޙީ މައްސަލަތައް ދިމާވެފައިވާކަމަށެވެ. އޭގެ ތެރޭގައި ޕްރޮސްޓްރޭޓް އަދި ލިވަރ ކެންސަރު ހިމެނެއެވެ. ޞިއްޙީ މައްސަލަތަކަށް އެކި ބޭސް ބޭނުންކުރާތީ އޭނާއަށް ކޯވިޑް-19 ވެކްސިން ދީފައި ނުވާކަމަށް ޢާއިލާއިން ބުންޏެވެ.

1920ވަނަ ވަނަ އަހަރު އުފަންވި ކެޕްޓަން ޓޮމްއަށް 100 އަހަރު ފުރުމުގެ ކުރިން އެންއެޗުއެސަށް 1،000 ޕައުންޑު ހަދިޔާކުރުމަށް އެއްކުރުމަށް މިދިޔަ އޭޕްރިލު މަހުގެ ތެރޭގައި މަސައްކަތް ފެށިއެވެ. ހިނގަން ބޭނުންކުރާ ކޮއްޓެއް ބޭނުންކޮށްގެން އޭނާގެ 50 މީޓަރުގެ ބަގީޗާގެ ދެކޮޅަށް 100 ބުރު ޖެހުމަށް އޭނާ ނިންމިއެވެ.

ކޯވިޑް-19ގެ ސަބަބުން ޢާންމުންގެ ހިތުގައި ބިރުވެރިކަން އުފެދި މާޔޫސްވެފައިވާ ދަނޑިވަޅެއްގައި ކެޕްޓަން ޓޮމް ކުރި މަސައްކަތަށް ޢާންމުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބުނެވެ. އާންމުންގެ ތާޢީދާއެކު ކެޕްޓަން ޓޮމް އެއްކުރުމަށް ޢަމާޒުކުރި 1،000 ޕައުންޑު ދެ ހަފުތާގެ ތެރޭގައި އެއްކޮށް، އެ އަދަދު ފަހަނައަޅައި އެތައް މިލިއަން ޕައުންޑެއްވަނީ އޭނާއަށް ސަތޭކަ އަހަރު ފުރުނު އޭޕްރިލް 30ވަނަ ދުވަހުގެ ކުރިން އެއްކޮށްފައެވެ.

ކޯވިޑް-19ގެ ސަބަބުން ޤައުމަށް ހިތާމައާއި މޮޅިވެރިކަން ކުރިމަރިވެފައިވާ ވަގުތެއްގައި ކެޕްޓަން ޓޮމްގެ މަސައްކަތުން ޤައުމަށް އުފާވެރިކަން ގެނެސްދީ އެހާ ގިނަ އަދަދެއްގެ ފައިސާ އެއްކުރުމަށް އޭނާ ކުރި މަސައްކަތް ފާހަގަކޮށް އިނގިރޭސިވިލާތުގެ ރާނީ އެލިޒަބެތުވަނީ އޭނާއަށް ނައިޓްހުޑްގެ ޝަރަފު އަރުވާފައެވެ.