ޚަބަރު

ވަކިބަޔަކަށް "މޮޅު" ވެކްސިން، ރައްޔިތުންނަށް "އާދައިގެ'" ވެކްސިނެއް ދޭނެކަމަށް ޤަބޫލެއް ނުކުރާނަން: އާޒިމާ


ރައްޔިތުންނަށް އާދައިގެ ވެކްސިނެއް ދީފައި، ވަކި ބަޔަކަށް މޮޅު ވެކްސިނެއް ދޭނެކަމަށް ގަބޫލުނުކުރައްވާކަމަށް ކުރީގެ ބަންޑާރަ ނާއިބު، އަދި ޕީޕީއެމް ނާއިބު ރައީސް އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި އާޒިމާ މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުން ވަކި ބަޔަކަށް މޮޅު ވެކްސިން ދީފައި، ވަކި ބަޔަކަށް އާދައިގެ ވެކްސިން ދޭކަމަށް ބުނެ އިދިކޮޅު ޕީޕީއެމްއާއީ ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ވާހަކަދައްކަވަމުންދާ ދަނޑިވަޅެއްގައެވެ.

އިދިކޮޅު ފަރާތްތަކުން ބުނާގޮތުން ރާއްޖޭގައި ކޯވިޑްއަށް ވެކްސިން ދޭން ފަށާފައިވާއިރު، ސަރުކާރުގެ ވެރިންނާއި ޑޮކްޓަރުން އަދި ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދެނީ އެމެރިކާގެ ފައިޒާ ވެކްސިން ކަމަށެވެ. އަދި އާއްމު ރައްޔިތުންނަށް ދޭނީ އިންޑިއާގައި އުފައްދާފައިވާ އާދައިގެ ވެކްސިނެއް ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރަމުންނެވެ. އެގޮތުން އިއްޔެ ރައީސުލްޖުމްހޫރިއްޔާ ވެކްސިން ޖައްސަވާފައިވާއިރު، އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ރައީސް ޖައްސަވާފައިވަނީ އެމެރިކާގެ ފައިޒާ ކުންފުނީގެ ވެކްސިންކަމަށެވެ. ނަމަވެސް ރައީސް އޮފީހުން ވަނީ އެކަން ދޮގުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ހުރިހާ ކެމެރާތަކެއްގެ ކުރިމަތީގައި ރައީސް ޖެއްސެވީ ކޮވިޝީލްޑް ވެކްސިންކަމަށެވެ. އަދި ކެމެރާތައް ކުރިމަތީ އެކަން ކުރެއްވީވެސް ރައްޔިތުންނަށް މިވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަން ޔަޤީންކޮށްދެއްވުމަށްކަމަށް މަބްރޫކް ވިދާޅުވިއެވެ.

ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ކޮވިޑް ވެކްސިންއާ ގުޅޭގޮތުން ހަޤިޤަތާއި ޚިލާފު ވާހަކަތައް ފަތުރަމުންދިޔަނަމަވެސް، ޕީޕީއެމްއެމްގެ ނާއިބު ރައީސް އާޒިމާ ޝަކޫރުގެ ވާހަކަތައް ހުންނެވީ އެބޭފުޅުންނާއި ތަފާތުކޮށެވެ.

އާޒިމާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ސިއްހީ މާހިރުންނަށް އެކަމަނާގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށެވެ. އަދި ރައްޔިތުންނަށް އާދައިގެ ވެކްސިނެއް ދީފައި، ޑޮކްޓަރުން މޮޅު ވެކްސިނެއް ނަންގަވާފާނެކަމަށް ކުޑަކޮށްވެސް އެކަމަނާ ގަބޫލުނުކުރައްވާކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ އަޅުގަނޑުމެންގެ ދަރިންނާއި މައިންބަފައިންގެ ރައްކާތެރިކަމަށް އަބަދުވެސް މަސައްކަތްކުރައްވާ ރާއްޖޭގެ ސިއްހީ ހިދުމަތްތެރިން އެފަދަ ދަށު ދަރަޖައިގެ ނާތަހުޒީބު އަމަލެއް ހިންގަވާފާނެކަމަށް އެންމެ ހިނދުކޮޅަކަށްވެސް ގަބޫލުނުކުރައްވާނެކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ހިދުމަތްތެރިންނާއިމެދު ފަހުރުވެރިވެވަޑައިގަންނަވާކަމަށާއި، އެބޭފުޅުން ކުރައްވާ މަސައްކަތްޕުޅަށް ސެލިއުޓްކުރައްވާކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

އާޒިމާގެ ވިދާޅުވީ ވަކި ބަޔަކަށް މޮޅު ވެކްސިން ނުދޭނެކަމަށް ބުނެ ވާހަކަދެއްކުމުން ބައެއް ބޭފުޅުންނަށް އުނދަގޫވާނެކަމަށެވެ. ނަމަވެސް އެހެން ބަޔަކު މިކަމާމެދު ދެކޭގޮތް ނޭނގޭ ކަމަށާއި. އެކަމަނާ އެވާހަކަތައް ދައްކަވަނީ އަމިއްލަ ހައިސިއްޔަތުންކަމަށް އާޒިމާގެ ފޭސްބުކް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ކޯވިޑް ވެކްސިން ދޭން ފަށާފައިވާއިރު، ރާއްޖޭގައި ދެމުންދަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި ސިންގަޕޫރުގެ އެސްޓްރާޒެނެކާއިން، އުފައްދާފައިވާ ވެކްސިނެކެވެ. މިއީ އިންޑިއާގެ ވެކްސިނެއްކަމަށް ބުނެ ބައެއް ފަރާތްތަކުން އޮޅުވާލަން މަސައްކަތްކުރިނަމަވެސް، މިއީ ސީދާ އޮކްސްފޯޑާއި ސިންގަޕޫރުގެ އެސްޓްރާޒެނެކާގެ އުފެއްދުމެއްކަމާއިމެދު އެއްވެސް ޝައްކެތް ނެތެވެ. ހަމައެކަނި ތަފާތަކީ އިންޑިއާގެ އެންމެ ބޮޑު ވެކްސިން ކުންފުނިން މީގެ ޑޯޒްތައް އުފެއްދުމެވެ.