ކުޅިވަރު

އެޓްލާންޓާ ހޯކްސްއާ ބައްދަލުކޮށް ލޭކަރސް މެޗު ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި އެންމެފަހުގެ ޗެމްޕިިއަން ލޮސް އެންޖަލިސް ލޭކަރސް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރިމެޗް ލޭކަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ލޭކަރސް ކާމިޔާބުކުރީ 107 ޕޮއިންޓް 99 ޕޮއިންޓުންނެވެ.

މިމެޗްގައި ލޭކަރސްގެ އެންތަނީ ޑޭވިސްވަނީ އެޓީމަށް 25 ޕޮއިންޓް ހޯދައިދީފައެވެ. އަދި ލެބްރޮން ޖޭމްސްވަނީ އެޓީމަށް 21 ޕޮއިންޓް ހޯދައިދީފައެވެ. މިމެޗްގައި ހޯކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދައިދީ 16 އެސިސްޓް ދިން ޓްރެއި ޔަންގްއެވެ.

މިމުބާރާތުގައި ޗާލޮޓް ހޯނެޓްސް އާއި މައޭމީ ހީޓް ބައްދަލުކުރިމެޗް 129 ޕޮއިންޓް 121 ޕޮއިންޓުން ކާމިޔާބުކުރީ ހޯނެޓްސްއެވެ. މިމެޗްގައި ހޯނެޓްސްއަށް އެންމެ ރަގަޅު ކުޅުމެއް ދެއްކީ 36 ޕޮއިންޓް ހޯދައިދިން މަލިކް މޮންކްއެވެ. އަދި ޑެވޮންޓޭ ގްރަހަމްވަނީ އެޓީމަށް 24 ޕޮއިންޓް ހޯދައީދީފައެވެ. މި މެޗްގައި ހީޓްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 25 ޕޮއިންޓް ހޯދައިދިން ޖިމީ ބަޓްލަރއެވެ. އަދި ބާމް އަޑެބަޔޯވަނީ އެޓީމަށް 23 ޕޮއިންޓް ހޯދައިދީފައެވެ.

މީގެއިތުރުން މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ކްލީވްލަންޑް ކެވެލިއަރސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް 100 ޕޮއިންޓް 98 ޕޮއިންޓްގެ ކުޑަ ތަފާތަކުން ކާމިޔާބުކުރީ ކެވެލިއަރސްއެވެ. އަދި ޝިކާގޯ ބުލްސް އާއި ނިއުޔޯކް ނިކްސް ބައްދަލުކުރިމެޗް 110 ޕޮއިންޓް 102 ޕޮއިންޓުން ބުލްސް ކާމިޔާބުކުރިއިރު މިލްވައުކީ ބަކްސް އާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް ބައްދަލުކުރިމެޗް 134 ޕޮއިންޓް 106 ޕޮއިންޓުން ކަމިޔާބުކުރީ ބަކްސްއެވެ. ހަމައެއާއެކު ސެކްރެމެންޓޯ ކިންގްސް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރިމެޗްް 118 ޕޮއިންޓް 109 ޕޮއިންޓުން ކިންގްސް ކާމިޔާބުކޮށްފައިވާއިރު ހިއުސްޓަން ރޮކެޓްސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރިމެޗް 136 ޕޮއިންޓް 106 ޕޮއިންޓުން ކާމިޔަބުކުރީ ރޮކެޓްސްއެވެ.