ޚަބަރު

24 މޭލަށް ވައިގަދަވާނެ، ދަތުކުރާއިރު ސަމާލުވޭ


އުތުރާއި މެދުރާއްޖެތެރޭގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

އެ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއި އެކު ވިއްސާރަކުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

މެޓް އޮފީހުންވަނީ ހެނދުނު ހަޔަކުން މެންދުރު ބާރަޔަށް ށ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް އެލާޓް ނެރެފައެވެ. އެ އިދާރާއިން ވިދާޅުވީ އެ ސަރަހައްދުގައި ގަޑިއަކު 9 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.

ރާއްޖޭގެ މޫސުމަށް ލަފާކުރާ ގޮތަށް ބަލާއިރު މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ދެކުނު އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކި 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައެވެ.

މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެއެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.