ދިރާގަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.5 ބިލިއަން ރުފިޔާކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
ދިރާގުން އާއްމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާގޮތުން ދިރާގަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2019 ވަނަ އަހަރު އެކުންފުންޏަށް ލިބުނު 2.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މަދު އަދަދެކެވެ.
މާލީ ހިސާބުތައް ދައްކާގޮތުން ދިރާގަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 732 މިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރު އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 942 މިލިއަން ރުފިޔާއާ އަޅާބަލާއިރު، މަދު އަދަދެކެވެ.
ވަކިވަކި ކުއާޓަރުތަކަށް ބަލާލާއިރު، ފުރަތަމަ ކުއާޓަރުގައި 728 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ސާފު ފައިދާއަކީ 255 މިލިއަން ރުފިޔާއެވެ. 2 ވަނަ ކުއާޓަރުގައި 546 މިލިއަން ރުފިޔާ ލިބުނުއިރު، ސާފު ފައިދާއަކީ 129 މިލިއަން ރުފިޔާއެވެ. 3 ވަނަ ކުއާޓަރުގައި 586 މިލިއަން ރުފިޔާ ލިބުނުއިރު، ސާފު ފައިދާއަކީ 158 މިލިއަން ރުފިޔާއެވެ. އަދި މިދިޔަ ކުއާޓަރުގައި 621 މިލިއަން ރުފިޔާގެ އާމްދަނީއެއް ދިރާގަށް ލިބުނުއިރު، ސާފު ފައިދާއަކީ 188 މިލިއަން ރުފިޔާއެވެ.
ދިރާގަށް މިދިޔަ އަހަރު އާމްދަނީ ލިބުނު ދާއިރާތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މޮބައިލް ޚިދުމަތުންނެވެ. މޮބައިލް ރެވެނިއުގެ ގޮތުގައި އެކުންފުންނަށް ވަނީ މިދިޔަ އަހަރު 1.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. ފިކްސްޑް، ބްރޯޑްބޭންޑް އަދި އެންޓަޕްރައިޒް ވިޔަފާރިން އެކުންފުންޏަށް މިދިޔަ އަހަރު ލިބިފައިވަނީ 958 މިލިއަން ރުފިޔާއެވެ.
އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ދިރާގަކީ ފަސް ލައްކައަށްވުރެ ގިނަ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ.