ކުޅިވަރު

ޗެލްސީ އާއި ޓޮޓްނަމް ބައްދަލުކުރިމެޗް ޗެލްސީ ކާމިޔާބުކޮށްފި


އިނގިރޭސި ވިމެންސް ސުޕަރ ލީގުގައި ޗެލްސީ ވިމެން އާއި ޓޮޓްނަމް ހޮޓްސްޕަރ ވިމެން ބައްދަލުކުރިމެޗް ޗެލްސީ ކާމިޔާބުކޮށްފިއެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 4 ލަނޑު ސުންލަނޑުންނެވެ.

ދެ ޓީމްގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ކުރީކޮޅު ޓޮޓްނަމްއިންވަނީ ރަނގަޅު ކުޅުމެއް ދައްކާ ޗެލްސީގެ ގޯލަށް ނުރައްކާވެސް ކޮށްފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި ޖަހައިދިނީ ޗެލްސީއަށް ކުޅޭ ޖަރުމަނުވުލާތުގެ ކުޅުންތެރިޔާ މެލެނީ ލެއުޕޯލްޒްއެވެ. އަދި އޭގެ ދެ މިނެޓްފަހުން ޗެލްސީއިން އެޓީމްގެ ދެވަނަ ލަނޑު ޖެހިއެވެ. ނަމަވެސް މިލަނޑަކީ ޓޮޓްނަމްގެ އެބީ މެކްމަނަސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޗެލްސީއިން ވަނީ އެޓީމްގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މިގޮތުން މިލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ޖަހައިދިނީ ސޭމް ކާރ އެވެ. އަދި ޗެލްސީއިން މިމެޗްގައި ޖެހި ފަހު ލަނޑު މެޗްގެ 63 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ލެއުޕޯލްޒްއެވެ.

މިކާމިޔާބީއާއެކު ޗެލްސީ މިހާރު މިވަނީ ވިމެންސް ސުޕަރ ލީގުގައި ބަލިނުވެ 33 މެޗް ހަމަކޮށް އާ ރިކޯޑެއްވެސް ގާއިމްކޮށްފައެވެ. ޕޮއިންޓް ތާވަލަށް ބަލާލާއިރު ތާވަލްގެ އެއްވަނައިގާ 12 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކު އުޅެނީ ޗެލްސީ ވިމެންއެވެ. އަދި ދެވަނައިގާ އުޅޭ މެންޗެސްޓަރ ޔުނައިޓެޑް ވިމެންއަށް 32 ޕޮއިންޓް ލިބިފައިވީ ނަމަވެސް ޗެލްސީއަށް ކުރި ލިބެނީ ޖަހާފައިވާ ގޯލަށް ބަލާއިރުއެވެ. އަދި މެންޗެސްޓަރވަނީ އެއްމެޗް އިތުރަށްވެސް ކުޅެފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު މެންޗެސްޓަރ ޔުނައިޓެޑް ވިމެން އާއި އެވަޓަން ވިމެން ބައްދަލުކުރިމެޗް ރަށުން ބޭރުގައި 2 ލަނޑު ސުން ލަނޑުން ކާމިޔާބުކުރީ މެންޗެސްޓަރއެވެ. މިމެޗްގައި މެންޗެސްޓަރއަށް ލަނޑުތައް ޖަހައިދިނީ އެލާ ޓޫނެ އަދި ކްރިސްޓެން ޕްރެސްއެވެ.

މީގެއިތުރުން ތާވަލްގެ ތިންވަނައިގާ އުޅޭ މެންޗެސްޓަރ ސިޓީ ވިމެން އާއި ވެސްޓް ހޭމް ޔުނައިޓެޑް ވިމެން ބައްދަލުކުރިމެޗް 4 ލަނޑު ސުން ލަނޑުން ކާމިޔާބުކުރީ ސިޓީއެވެ. މިމެޗްގައި ސިޓީއަށް ލަނޑުތައް ޖަހައިދިނީ ކެރޮލީން ވެއަރ، ޖޯޖިއާ ސްޓަންވޭ، އެލެން ވައިޓް އަދި ރޯސް ލަޥޭލްއެވެ.