ކުޅިވަރު

ޕޮއިންޓް ތާވަލްގައި އެޓްލެޓިކޯއިން ލީޑު ފުޅާކޮށްފި


ސްޕެނިޝް ލަލީގާގައި ޕޮއިންޓް ތާވަލްގެ އެއްވަނައިގައި އުޅޭ އެޓްލެޓިކޯ މެޑްރިޑާއި ކަޑީޒް ބައްދަލުކުރިމެޗް ކާމިޔާބުކޮށް އެޓްލެޓިކޯއިން ލީޑު ފުޅާކޮށްފިއެވެ. ރަށުން ބޭރުގައި ކުޅުނު މިމެޗް އެޓްލެޓިކޯ ކާމިޔާބުކުރީ 4 ލަނޑު 2 ލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު ޖެހީ މެޗްގެ 28 ވަނަ މިނެޓްގައި އެޓްލެޓިކޯއާ މި ސީޒަންގައި އަލަށް ގުޅުނު ތަޖްރިބާކާރު ފޯވަޑް ލުއިސް ސުވަރޭޒްއެވެ. ނަމަވެސް މިލަނޑު ޖެހިތާ 7 މިނެޓް ފަހުން ކަޑީޒްއިންވަނީ ލަނޑެއް ޖަހައި، މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އަލްވާރޯ ނެގްރެޑޯއެވެ. އެޓްލެޓިކޯއިން މިމެޗްގައި ދެވަނަ ފަހަރަށް ލީޑު ނެގީ މެޗްގެ 44 ވަނަ މިނެޓްގައި ސައުލް ނިގުއޭޒް ޖަހައިދިން ލަނޑުންނެވެ. މިމެޗްގައި އެޓްލެޓިކޯގެ ތިންވަނަ ލަނޑު ދެވަނަ ހާފް ފެށިތާ ފަސްވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ސުވަރޭޒްއެވެ. މިއީ މިސީޒަންގައި ބާސެލޯނާއިން ބޭނުން ނެތިގެން ދުކޮށްލި ސުވަރޭޒް ލީގުގައި ޖެހި 14 ވަނަ ލަނޑެވެ. މިމެޗްގައި ކަޑީޒްގެ ދެވަނަ ލަނޑު 71 ވަނަ މިނެޓްގައި ނެގްރެޑޯ ޖަހާދިން އިރު އެޓްލެޓިކޯގެ ފަހު ލަނޑު ޖަހާދިނީ މެޗް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކޯކޭއެވެ.

މިކާމިޔާބީއާއެކު އެޓްލެޓިކޯއަށް ޕޮއިންޓް ތާވަލްގައި 10 ޕޮއިންޓްގެ ލީޑެއް ލިބިފައިވެއެވެ. އަދި އެންމެ ގާތުން ވާދަކުރާ ބާސެލޯނާ އާއި ރެއާލް މެޑްރިޑަށްވުރެ އެއްމެޗް މަދުން ކުޅެފައިވުމުން މިފަރަގު އިތުރު ކުރުމުގެ ފުރުސަތުވެސް އެޓްލެޓިކޯއަށް އެބައޮތެވެ. އެޓްލެޓިކޯއަށް މިހާރުވަނީ ކުޅުނު 19 މެޗުން 50 ޕޮއިންޓް ލިބިފައެވެ. ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް 20 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ.