ޚަބަރު

ރާއްޖޭގައި ކޯވިޑް ވެކްސިން ދޭން ފަށައިފި


ރާއްޖޭގައި ކޯވިޑް ވެކްސިން ދޭން ފަށައިފިއެވެ.

ރާއްޖޭގައި ދޭން ފަށާފައިވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީއާއި ސިންގަޕޫރުގެ އެކްސްޓްރާ ޒެނެކާއިން ތައްޔާރުކޮށްފައިވާ މިވެކްސިނެކެވެ.

ރާއްޖޭގައި ފުރަތަމަ ކޯވިޑް ވެކްސިން ޖަހާފައިވަނީ އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރު ޑރ. ޝިރާނީ އަބްދުއްރަހީމްއެވެ. އޭނާ އަކީ ހުޅުމާލޭ ކޮވިޑް ފެސިލިޓީއާ އެންމެ ގިނަ ދުވަހު ހަވާލުވެ ހުންނެވި ޑޮކްޓަރެވެ.

އިންޑިއާގެ ސެރަމް އިންސްޓިޓުއުޓްގައި ތައްޔާރުކޮށްފައިވާ "ކޮވިޝީލްޑް" ވެކްސިންގެ އެއްލައްކަ ޑޯޒް އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާއިރު، މިވެކްސިން ޖެހުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ހުއްދަ ދީފައެވެ. ވެކްސިން ޕްރޮގްރާމް ފަށާފައިވަނީ ސޯޝަލް ސެންޓަރުގައެވެ. އަދި މާލެ ސަރަޙައްދުގައި ވިލިމާލެ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެމްއެޗްއާއި ހުޅުމާލެ ހޮސްޕިޓަލް އަދި ސެނަހިޔާގައިވެސް ވެކްސިން ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ ސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލުގައިވެސް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ފުރަތަމަ ކޯވިޑް ވެކްސިން ޖަހާފައިވާ އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރު ޑރ. ޝިރާނީ އަބްދުއްރަހީމް ވެސް ވަނީ ހުރިހާ އެންމެން ވެސް ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފައެވެ. އަދި ގިނަ ބަޔަކު ވެކްސިން ޖަހައިފިނަމަ ކޯވިޑްގެ ކޭސްތައް މަދުވާނެކަމަށް އުއްމީދުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ސޯޝަލް ސެންޓަރުގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށިއިރު ފުރަތަމަ ވެކްސިން ޖަހާ މީހުންގެ މައުލޫމާތުތައް ސާފުކުރުުމަށް ރަޖިސްޓްރީކުރެއެވެ. އަދި އެއަށްފަހު ވެކްސިން ދިނުމަށްފަހު މަޑުކުރަން ވަކި ޚާއްސަ ސަރަޙައްދެއްވެސް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ވެކްސިން ޖަހާ ތަނުގައި ވަނީ ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅާފައެވެ.

ވެކްސިން ޖަހަން ފަށާފައިވާއިރު ފުރަތަމަ ވެކްސިން ޖަހަނީ ކުރީ ސަފުގައި މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްތެރިންނަށް އިސްކަން ދީގެންނެވެ. ކުރިއަށް އޮތްތަނުގައި ވެކްސިން ޖަހަމުން ގެންދާނީ ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ އިސްކަންދޭ ތަރުތީބާ އެއްގޮތަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައިވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވެކްސިން ދޭން އަންނަނީ ތައްޔާރުވަމުންނެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ކޯވިޑް-19 ވެކްސިން "ކޮވިޝީލްޑް" ވެކްސިން ރާއްޖޭގައި ޖެހުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފައިވާކަން ހާމާކުރީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އަދި މިވެކްސިން ޖެހުމުގެ ހުއްދަ އެ އޮތޯރިޓީން ދީފައިވަނީ ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލާ ދިރާސާ ކުރުމަށްފަހު "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޓުއޭޝަން."ގައި ބޭނުން ކުރުމަށެވެ.

އެމްއެފްޑީއޭއިން ހުއްދަ ދީފައިވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އުމުރުން 18 އަހަރުން މަތީގެ މީހުންނަށް މިވެކްސިން ބޭނުންކުރުމަށެވެ. އަދި މި ވެކްސިން މާބަނޑު މީހުން ބޭނުންކުރުމަށް ހުއްދަ ދޫކޮށްފައި ނުވެއެވެ.

ވެކްސިން ދިނުމުގައި 3 ބަޔަކަށް އިސްކަން ދިނުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޞިއްޙީ ޚިދުމަތުގައި އަދި އިޖްތިމާޢީ ޚިދުމަތުގައި އިސް ސަފުގައި މަސައްކަތްކުރާ މީހުންނާއި، އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ. އަދި އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން މި ބައްޔަށް ހުށަހެޅިއްޖެނަމަ އެކަމުގެ ނުރައްކާ އެންމެ ބޮޑުވާނެ މީހުންނާއި، އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނާއި، ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންވެސް ހިމެނެއެވެ.