ވިޔަފާރި

މިދިޔަ ކުއާޓަރުގައި ބީއެމްއެލްއަށް 326 މިލިއަން ރުފިޔާގެ ގެއްލުމެއް!


މިދިޔަ ކުއާޓަރުގައި ބެންކް އޮފް މޯލްޑިވްސްއަށް ގެއްލުމާއި ކުރިމަތިލާންޖެހިއްޖެއެވެ.

ބީއެމްއެލްއިން އާއްމުކޮށްފައި މާލީ ހިސާބުތައް ދައްކާގޮތުން އެކުންފުންޏަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ވަނީ 326.4 މިލިއަން ރުފިޔާގެ ގެއްލުމެއް ކުރިމަތިވެފައެވެ.

މިދިޔަ ކުއާޓަރުގައި ބީއެމްއެލްއަށް 326 މިލިއަން ރުފިޔާގެ ގެއްލުމެއް ކުރިމަތިވިއިރު، މިދިޔަ ކުއާޓަރުގައި ބީއެމްއެލްއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 728 މިލިއަން ރުފިޔާއެވެ.

މިދިޔަ ކުއާޓަރުގައި ބީއެމްއެލްއަށް ގެއްލުމާއި ކުރިމަތިލާންޖެހުނަސް އޭގެ ކުރީ 3 ކުއާޓަރުގައިވެސް ބީއެމްއެލްއަށް ވަނީ ފައިދާވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއަށް 291 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނުއިރު، 2 ވަނަ ކުއާޓަރުގައި 106 މިލިއަން ރުފިޔާ އަދި 3 ވަނަ ކުއާޓަރުގައި 258 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ބީއެމްއެލްއަށް ލިބިފައެވެ.

އޮޑިޓް ނުކުރާ މާލީ ހިސާބުތައް ދައްކާގޮތުން ބީއެމްއެލްއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.6 ބިލިއަން ރުފިޔާއެވެ. އަދި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 329 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއީ އޮޑިޓްކޮށްފައި ނުވާ ހިސާބުތަކެއްކަމުން، މިއަދަދުތަކަށް ބަދަލު އައުމަކީ އެކަށީގެންވާކަމެއްކަމަށް ބީއެމްއެލްއިން ބުނެއެވެ.